ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި 35.1 މިލިއަން ރުފިޔާ މިހާތަނަށް ދޫކުރެވިފައި ވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން މިހިނގާ އޯގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް އާމްދަނީއަށް އަސަރު ކޮށްފައިވާ 8488 މީހަކަށް 35.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ އާމްދަނިއަށް ބޮޑެތި އަސަރެއް ކޮށްފައިވާތީ ސަރުކާރުންދޭ މި އެލަވަސްން ދޭން ނިންމާފައިވަނީ އޭޕްރީލް މަހުން ފެށިގެން ތިންމަސް ދުވަހުގެ މުއްދަތަށެވެ.

މިއެލަވަންސަށް އެދި ހުށަހަޅާފައިވަ ފަރާތްތަކަށް މަހެއްގެ މައްޗަށް ދޭން ނިންމާފައިވަނީ 5000ރ. އެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާގުޅޭ އުސޫލުގައި ވާގޮތުން، ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭގޮތަށް ނޯޕޭލީވްއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ހާއްސަ އިނާޔަތެއް ސަރުކާރުގެ ފަރާތުން ދޭން ފެށުމާއެކު، ވޯލްޑް ބޭންކުގެ ފަރާތުން މިކަމަށް ހާއްސަކޮށްގެން ފޯރުކޯށްދިން 12.8 މިލިއަން ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.