ކޮރޯނާވައިރަސްގެ ނުރައްކަލާއެކުވެސް އަންނަ ބުދަދުވަހު ޕާލަމެންޓް އިންތިޚާބު ބޭއްވުމަށް ސްރީލަންކާ ތައްޔާރުވެއްޖެއެވެ.

މިއަދަކީ ކެމްޕެއިންގެ އެންމެފަހު ދުވަހެވެ.

ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، ބުދަދުވަހު ވޯޓްލާން ނުކުންނަ އެންމެންވެސް ތިބެންޖެހެނީ މާސްކް އަޅައިގެންނެވެ.

އަދި ވޯޓްލާން އަންނަ މީހުން އަމިއްލަ ގަލަން ގެނައުމާއި، ވޯޓްލާން ކިޔޫގައި ތިބޭއިރު އިޖުތިމާއީ ގައިދުރުކަން ގާއިމްކުރަން ޖެހެއެވެ.

ސްރީލަންކާގެ ޕާލަމެންޓް އިންތިޚާބު މި ބާއްވަނީ، ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ދެފަހަރަށް ފަސްކުރުމަށް ފަހުގައެވެ.

ބުދަދުވަހުގެ އިންތިޚާބަކީ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، އެގައުމުގެ ސިޔާސީ މައިދާނުގައި އިތުރަށް ފައިންޕުޅު ވަރުގަދަ ކުރެއްވުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

ހަމައެއާއެކު، އިންތިޚާބު ކާމިޔާބުވެއްޖެނަމަ ރައީސް ގޮޓަބާޔަގެ އިތުރުން، ބޮޑުވަޒީރުކަމުގައި ހުންނެވި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ މަގާމުވެސް އިތުރަށް ވަރުގަދަވެގެން ދާނެއެވެ.

އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުވެއްޖެނަމަ ސްރީލަންކާގެ ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ރައީސް ގޮޓަބާޔައާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބޭނުންފުޅުވެއްޖެނަމަ އެކަންވެސް ކުރެއްވޭނެއެވެ.

އެބޭފުޅުން ގެންދަވަނީ އެކަމަށް އުންމީދުވެސް ކުރައްވަމުންނެވެ.

ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ ޔޫއެންޕީ މިވަގުތު ދެބައިވެފައި ވުމަކީވެސް ގޮޓަބާޔަ ރާޖަޕަކްސައާއި، މަހިންދަ ރާޖަޕަކްސައަށްއޮތް އެޑްވާންޓޭޖެކެވެ.

ޔޫއެންޕީ ދެބައިވެ، އެތަނުން ވަކި ޕާޓީއެއް ހަދައިގެން އިދިކޮޅުން އިންތިޚާބަށް ނުކުމެވަޑައިގަންނަވަނީ ސާޖިތު ޕްރެމަދާސައެވެ. އިދިކޮޅުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީވެސް މިޕާޓީކަމަށް ބެލެވިފައި ވެއެވެ.

އިކޮޅުން އެންމެ ގިނަގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޕާޓީގެ ލީޑަރު ސާޖިތު ޕްރެމަދާސަ ކެމްޕެއިންގައި:

އިންތިޚާބުގައި ވޯޓްލާން ސްރީލަންކާ ތައްޔާރުވާއިރު، އިއްޔެއާ ހަމައަށް އެގައުމުން 2،816 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލީގައި 11 މީހުން މަރުވެފައި ވެއެވެ.

މިއީ، ސްރީލަންކާއާ އަވަށްޓެރި ދެކުނު އޭޝިޔާގެ އެހެން ގައުމުތަކުން ޕޮޒިޓިވްވެފައިވާ މީހުންނާއި، ބަލީގައި މަރުވި މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ބަލި ފެތުރުން ހުއްޓުވަން ސްރީލަންކާގައި މިއަހަރުގެ މާޗްމަހުން ފެށިގެން ވަނީ ވަރަށް ހަރުކަށި ލޮކްޑައުންގެ އުސޫލުތަކެއް ގާއިމްކޮށްފައެވެ.