ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައިމަހުގެ 31 ގައެވެ.

މި މައްސަލައާއި ގުޅިގެން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިހާރު މިދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި އިތުރު ބަޔަކު ހިމެނޭ ކަމަށްބުނެ ސޯޝަލް މިޑިއާގައި އެކި ވާހަކަތައް ދައުރުވަމުންދާތީ ފުލުހުން ބުނީ މިމައްސަލާގައި އިތުރު ބަޔަކު ހިމެނޭކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި އިތުރު މީހަކު ހައްޔަރުކޮށްފައިވެސް ނުވާކަމަށެވެ.

ފުލުހުން ބުނީ އ އިދާރާޢަށް ހުށަހެޅޭ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ފުރިހަމަ ކުރެވެމުންދާ ކަމަށެވެ.

މިމައްސަލާގައި އަނިޔާލިބުނު މީހާ އައްޑޫ އިކުއަޓޮރިއަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، އަނިޔާ ލިބުނު މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.