ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ޕްރޮގްރެސިވް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

މެމްބަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައި މިވަނީ ރާއްޖެއިން ކޮވިޑަށް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވަމުންދާ ވަގުތެއްގައެވެ.

މެމްބަރު ކުރެއްވި ޓްވީޓުގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖޭގައި ފެތުރެމުންދާއިރު މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

މެމްބަރު އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ވަނީ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ވަކިހިސާބަކަށް ކުރިއަށްގެން ގޮސްފައެވެ. ވެބްމެދުވެރިކޮށް އޭރު ޖަލްސާތައް ބޭއްވީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރު ކުރުމުގެ ތެރެއިން ސަރުކާރު ބަންދުކޮށް އޮފީސްތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، ގިނަ ދުވަސްތަކެއް ވަންދެން، އޮންލައިންކޮށް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ފަހު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތައް އަލުން ފެއްޓީ މޭ މަހުގެ 26 ވަނަ ދުވަހުގައެވެ.

މިއަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދު ދުވަހުގެ ބަންދަށް މެދު ކަނޑާލާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.