ހއ. އިހަވަންދޫ ކަރަންޓީންގެ ހާލަތާއެކު ކްލަސްޓާތަކާ ގުޅުންހުރި މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިހަވަންދޫ ކަރަންޓީންގެ ހާލަތަށް މިއަދު 15:46 ގެނައުމާގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، އެރަށުގައި ކޮވިޑް ފެތުރެން ފެށުމާއެކު ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ.

އަދި އާންމުކޮށް ކޮށްއުޅޭ މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓިފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކަރަންޓީނުގެ ހާލަތަށް ރަށް ގެނައުމާއެެކު ކައުންސިލުން ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުރުމާއެކު އެ މަސައްކަތް މިވަގުތު ކުރަމުންދާކަން ފާހަގަކޮށް އަހުމަދު ރަޝީދު ވިދާޅުވީ، ރޭ ދަންވަރު ވަގުތެއްގައި އިތުރު ކްލަސްތާއެއްވެސް ފެނިފައިވާ ކަމަށެވެ.

ތިން ވަނަ މީހަކު ކޮވިޑަށް ފައްސިވުމާއެކު އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވޭ މީހުން ކަރަންޓީނު ކުރަން އެބަޖެހޭ ވަކިން. އެހެންކަމުން އެ ހުރިހާ މީހުންނަށް ބޭނުންވާ އެހީތެރިކަންވެސް މި އަންނަނީ ފޯރުކޮށްދެމުން."
އިހަވަންދޫ ކައުންސިލްގެ ރައީސް

ކޮވިޑަށް ޕޮޒިޓިވްވީ މީހުން އަދި ތިބީ އެމީހުންގެ ގެތަކުގައި ކަމަށާއި ނަމަވެސް އައިސޮލޭޓް ކޮށްފައިވާނީ އެންމެންވެސް ވަކިން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށަށްއަރާ ފޭބުން މިވަގުތަށް މަނާވުމާއެކު ގިނަ ކަންތައްތަކެއް ހުއްޓިފައިވާ ކަމަށާއި އެގޮތުން ރަށުގެ ގާތްގަނޑަކަށް 90 އިންސައްތައިގެ މީހުންނަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުނަށް ވުމާއެކު މަސްވެރިންނަށް މިވަގުތު ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މިހާތަނަށް އިހަވަންދޫއިން ވަނީ ކޮވިޑަށް 3 މީހަކު ޕޮޒިޓިވްވެފައެވެ.