ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހިމެނޭ 19 ބިދޭސީން ބަންދުން ދޫކޮށް، އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ފުލުހުން ބުނެފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ މުސާރަ ނުލިބިގެން ކަމަށާއި މިކަމުގެ ތެރޭގައި އެތަނުގައިތިބި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމައްސަލައިގައި އަމިއްލަ ހައިސިއްޔަތުން މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ، ޤާނޫނީ ވަކީލް އައިމިނަތު ނަޝްއާ އާދިލް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޓީމުން މި 19 ބިދޭސީންނާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް އެއްކޮށް، އެ މައުލޫމާތުތަކަށް ބިނާކޮށް ވަގުތީ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދި ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގީ ހަމައެކަނި މުސާރަ ނުދީގެންކަމަށް ދެކެވޭ ވާހަކަތައް ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ދޮގުކޮށްފައެވެ.

ބޮޑު ފިނޮޅުގައި 16 މެއިގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ ހަމައެކަނި މުސާރަ ނުދީގެން ނޫންކަމަށާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް އެ ބިދޭސީންނާމެދު އަމަލުކުރެވިފައި ވާކަމަށް އެތަނުން ވާހަކަދެކެވުނު ބިދޭސީންގެ ފަރާތުން އެނގިފައިވާ ކަމަށް އައިމިނަތު ނަޝްއާ އާދިލް ވިދާޅުވިއެވެ.

ނަޝްއާ ވިދާޅުވީ 2 ޖުލައިގައި އެރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ އަސްލަކީ މުސާރަ ލަސްވަމުން ދިޔުމާއި ގުޅިގެން 16 މެއިގައި ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން ކުރި އިހުތިޖާޖާއި ގުޅިގެން ސީލް މޯލްޑިވްސްގެ ފަރާތުން ތަފާތު އެކި ފަހަރުމަތިން ބިދޭސީ މަސައްކަތްތެރިންނަށް ބިރުދެއްކުމާއި ފުރާނައަށް ނުރައްކާވާގޮތަށް ދީފައިވާ އިންޒާރުތަކާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުމެއްކަން، ބިދޭސީންނާއި ދެއްކި ވާހަކަތަކުން އެނގިގެންދިޔަ ކަމަށެވެ.

އަދި އެ އިހުތިޖާޖަކީ ސުލްހަވެރިކަމާއިއެކު ކުރި އިހުތިޖާޖެއް ކަމަށާއި އިހުތިޖާޖާއި ގުޅިގެން އެތަނުގެ އެއްވެސް ބަޔަކަށް ނުވަތަ މުދަލަކަށް ގެއްލުން ދީފައިވާކަން ފުލުހުން ފާހަގަކޮށްފައި ނުވާކަމަށްވެސް ވަކީލު ނަޝްއާ ވިދާޅުވިއެވެ.

ވަކީލު ނަޝްއާ ވަނީ ދިވެހިން ރަހީނުކުރިކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ.

ބިދޭސީން ފުރަތަމަ ކުރި އިހުތިޖާޖާއި ގުޅިގެން ސައިޓްގެ މަސައްކަތްތައް ސީލް މޯލްޑިވްސްއިން ހުއްޓުމަކަށް ގެނެސްފައިވާއިރު، ސަރުކާރުން ލޮކްޑައުންނަށް ލުއިދިނުމުން އެތަނުގައި ތިބި ދިވެހިން ރަށަށް ދިޔުމަށް މަސައްކަތްފެށި ކަމަށާއި ދިވެހިން ސައިޓްދޫކޮށް ދާންފެށުމުން ބިދޭސީ މަސައްކަތްތެރިންގެ ނުތަނަވަސްކަން އިތުރުވިކަމަށް އެމީހުންގެ ވާހަކަތަކުން އެނގުނުކަމަށް ނަޝްއާ ވިދާޅުވިއެވެ.

އަދި ސައިޓް ދޫކޮށް ދިވެހިން ހިނގައްޖެނަމަ، ކެއުމާއި ބުއިމާއި، ބޭސްފަރުވާގެ ކަންކަން ހުއްޓުމަކަށް އައުމުގެ ބިރު ހީވެ، 16 މެއިގައި ކުރިއަށްގެންދިޔަ އިހުތިޖާޖާއި ގުޅިގެން ސީލް މޯލްޑިވްސްއިން ތަފާތު އެކި ފަހަރުމަތިން ބިދޭސީންގެ ފުރާނައަށް ނުރައްކާވާގޮތަށް ބިރުދެއްކުމާއި އިންޒާރުގެ މެސެޖްތައް ދީފައިވާތީ ދިވެހިން ސައިޓްގައި ނެތުމުން، އެމީހުންގެ ފަރާތުން ލިބެމުންދިޔަ ހިމާޔަތާއި ރައްކާތެރިކަން ހުއްޓުމަކަށް އަންނާނެކަމުގެ ބިރު ބިދޭސީ މަސައްކަތްތެރިންގެ ހިތުގައި އުފެދުނުކަން އެމީހުން ދެއްކި ވާހަކަތަކުން ފާހަގަވިކަމަށް ނަޝްއާ ވިދާޅުވިއެވެ.

އަދި 1 ޖުލައިގައި އެރަށުން ފޭބި ބައެއް ދިވެހިން އެމީހުންގެ ތަކެތި ބަލައި އެރަށަށް 2 ޖުލައިގައި ދިޔުމުން އެދިވެހިން ސައިޓުގައި މަޑުކޮށްދިނުމަށް އެމީހުންގެ ކިބައިން ބިދޭސީން އެދުނުކަމަށްވެސް ވަކީލު ނަޝްއާ ވިދާޅުވިއެވެ.

އެ ދިވެހިން އެރަށުގައި މަޑުކޮށްދިނުމަށް އެދުނުތާ މާގިނައިރުތަކެއްނުވެ 8 ވަރަކަށް ފުލުހުން އެރަށަށް އެރިކަމަށާއި އެރަށުގެ ވަކި ހިސާބެއް ކަނޑައެޅުމަށްފަހު އިތުރު އެއްވެސް ތަނަކަށް ނުދެވޭނެކަމަށް ބުނެ ފުލުހުން އިންޒާރު ދީފައިވާ ކަމަށްވެސް ނަޝްއާ ވިދާޅުވިއެވެ.

މިކަމާ ބިދޭސީން ނުރުހުން ފާޅުކުރުމުން ބިދޭސީންގެ ތެރެއަށް ފުލުހުން ކަރުނަގޭސްޖަހާ ބާރުގެ ބޭނުން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ބިދޭސީ މަސައްކަތްތެރިއެއް ކައިރީހުރެ، ތުޅާދޫގައި ހުރި ސީލް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރަށް ބޮޑުބޭބެ ކިޔާ މީހަކަށް ފޯނުކޮށް، ބިދޭސީންނާއި ކުރިމަތިލުމަށް ގޭންގު ބަޔަކު ފޮނުވައިދިނުމަށް ސީލް މޯލްޑިވްސް އިން އެތަނުގައި ހަރަކާތްތެރިވާ ސުޕަވައިޒަރު އެދުނުކަމަށް ބިދޭސީއަކުވަނީ ބުނެފަ. މި ފޯނުކޯލަށްފަހު މި ދެންނެވި ބިދޭސީ މަސައްކަތްތެރިއާއަށް، ނުދަންނަ ނަންބަރަކުން އިންޒާރުގެ ފޯނު ކޯލެއް އައި. ކަރުބުރިކޮށްލާނަމޭ ބުނެފަ އެބަހުރި. އެހެން ހަދައިފިނަމަ އަނބިމީހާއާއި ދަރިފުޅަށް ވާނީ ކިހިނެއްހޭ ބުނެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރުދީފައިވޭ.
ވަކީލު ނަޝްއާ

ވަކީލު ނަޝްއާ ވިދާޅުވީ މި ކަންބޮޑުވުން އެރަށުގައި ހުރި ސުޕަވައިޒަރަށް ބިދޭސީން ހުށަހެޅި ކަމަށާއި އެފޯނުކޯލު އައިތާ މާގިނަ އިރުތަކެއްނުވެ ސަޕްލައި ދޯންޏަކާއި އިތުރު 4 ޑިންގީއެއް އެރަށުގެ ފަޅުތެރެއަށް ވަންނަނިކޮށް ބިދޭސީންނަށް ފެނިފައިވާ ކަމަށެވެ.

އެއާއިއެކު އެރަށުގައި ތިބި ބިދޭސީން ރަށުގެ ޖެޓީއަށް އެއްވެ، އެމީހުން އެރަށަށް އެރިޔަ ނުދިނުމަށް މަަސައްކަތްކުރި ކަމަށެވެ.

ސަޕްލައި ދޯނީގައި 100 އެއްހާ މީހުން ތިބިކަމަށާއި އެމީހުންގެ އަތުގައި ތޫނު ހަތިޔާރު ހުރިކަމަށްވެސް ބިދޭސީންނާއި ހަވާލާދީ ނަޝްއާ ވިދާޅުވިއެވެ.

އޭގެ ފަހުން ފުލުހުންނާއި އެކު އޭގެތެރެއިން ބަޔަކު އެރަށަށް އަރަން އުޅުނު. އޭގެ ފަހުން އެރޭ ދަންވަރު އަނެއްކާވެސް ބަޔަކު އެރަށަށް އަރަން އުޅުމުން އެމީހުންނަކީ ކުރިންވެސް އައިމީހުންކަމަށް ހީކޮށް އެމީހުންވެސް ހުއްޓުވަން މަސައްކަތްކުރިކަމަށް ބިދޭސީން ބުނި. އަދި އެ ފަހުން ބަންގަދޭޝްގެ އެމްބަސީން އެތަނުން ބިދޭސީއަކަށް ގުޅައި ހަމަނުޖެހުން ނުހިންގުމަށާއި ފުލުހުންނާއިއެކު އެމްބަސީގެ މީހުން ދާނެކަމަށް ބުނި. އެއަށްފަހު ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުން ދީފައިވާކަމަށް ބިދޭސީން ކިޔައިދިން.
ލޯޔަރު ނަޝްއާ

ނަޝްއާ ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި ބިދޭސީންނަކީވެސް ސީލް މޯލްޑިވްސްގެ އެމްޑީއަށް ބޮޑުބޭބެ ކިޔާ މީހާ ފާހަގަކޮށްދިން މީހުންކަމަށް ހައްޔަރުކުރި ބިދޭސީންގެ ބަހުން އެނގޭ ކަމަށެވެ.

ނަޝްއާ ވަނީ މިހަމަނުޖެހުން ހިންގުމަށް މެދުވެރިވި، ސީލް މޯލްޑިވްސްގެ އެމްޑީއާއި އޭނާއަށް ބޮޑުބޭބެކިޔާ މީހާގެ އިތުރުން ސީލް މޯލްޑިވްސްގެ ފަރާތުން އެ ރަށާ ހަވާލުވެހުރި ސުޕަވައިޒަރުގެ މައްސަލަ ފުލުހުން ނުބަލާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެދެމީހުންގެ މައްސަލަތައް ބަލައިދިނުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.