ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 މާދަމާއިން ފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އަދި މި މުއްދަތުގެ ތެރޭގައި މުވައްޒަފުން، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

މިގޮތަށް ހަމަޖެއްސެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 24 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ނިންމަވާފައި މިވަނީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްގައެވެ. މިހާތަނަށް މި ބަލީގައި 18 މީހުން މަރުވެފައިވާއިރު ގިނައިން މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުންނެވެ.

ސިއްހީ ފަރާތްތަކުން ލަފާކުރައްވާ ގޮތުން މިމަހުގެ ތެރޭ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވާނެއެވެ.

އެހެންނަމަވެސް ލޮކްޑައުންއަަކަށް ދިޔުމުގެ ވިސްނުން ނެތްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ކުރެއްވި ޓްވީޓެއްގައި އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

އަދި ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން ކަމަށާއި، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް އެދިވަޑައިގެންފައި ވެއެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކަށް ޢަމަލުކުރުމަށާއި، އެކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު މިހާތަނަށް ޖުމްލަ 4،100 އަށްވުރެ މައްޗަށްވަނީ އަރާފައެވެ.