• އަލަށް ޕޮޒިޓިވްވި 127 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށް، 2 މީހަކު ރަށްރަށަށް!
  • އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 93 ދިވެހިން
  • ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 92 އަށް
  • މާލެ ސަރަހައްދު ފިޔަވައި، ޕޮޒިޓިވް ކޭސްތައް ފެނުނު ރަށްތަކުގެ އަދަދު 12 އަށް

ރާއްޖެއިން އިތުރު 129 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެޜޭގައި އަލަށް 129 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި، ބަނގްލަދޭޝްގެ 23 މީހުންނާއި، އިންޑިއާ 8 މީހުންނާއި، ސްރީލަންކާ 4 މީހުންނާއި، އިންޑޮނޭޝިޔާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި 129 މީހުންގެ ތެެރެއިން 127 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. 2 މީހުން ޕޮޒިޓިވްވެފައިވަނީ ރަށްތަކުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 4،293 އަށް އަރާފައެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، އަތޮޅުތެރެއިން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ އަދަދު މިހާރުވަނީ 12 އަށް އަރާފައެވެ.

އެ ރަށްތަތަކީ؛ ހއ. ކެލާ، ހއ. އިހަވަންދޫ، ނ. ސޮނެވާ ޖާނީ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ، ޅ. ހިންނަވަރު، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

އެޗްޕީއޭއިން މިރޭ ޓްވީޓްކުރި މައުލޫމާތުގައިވާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 27 މީހުންނެވެ.

މިއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައްޔަށް ޝިފާޅިބި، ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 2،670 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު 1،490 އަށް އަރާފައިވާއިރު، މީގެ ތެރެއިން 92 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބިމީހުންގެ އަދަދު 1،013 އަށް އަރައެވެ.

ފުރަބަންދަށް ލުއިދޭން ފެށިފަހުން މިދިޔަ އާދީއްތަ ދުވަހަކީ މިހާތަނަށް ރާއްޖެއިން އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

އާދީއްތަ ދުވަހު އެކަނިވެސް 215 މީހުން ޕޮޒިޓިވް ވިއިރު، މިދިޔަ ހޮނިހިރު ދުވަހުވެސް 156 މީހުން ޕޮޒިޓިވް ވެފައިވެއެވެ.