މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް މިއަދު އެމްއެމްއޭއައި ބޭންކުންތައް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން މިމަހުގެ 6 އަކާއި ހަމައަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

އެހެންކަމުން މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް މަރުކަޒީ ބޭންކާއި، އެހެން ބޭންކުތައް މިއަދު ހުޅުވަން ވަނީ ނިންމާފައެވެ.

އެމްއެމްއޭއިން ބުނީ މިއަދުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށް ބެންކިންގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް މިއަދު ބެންކިންގެ ހިދުމަތް ދިނުމަށް ބީއެމްއެލްވެސް ހުޅުވަން ނިންމާފައިވުމާއެކު ބީއެމްއެލްއިން ވަނީ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައިނޫން ގޮތަކަށް ބީއެމްއެލްގެ ށާވިސް ސެންޓަރުތަކަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.

އަދި އޮންލައިންކޮށް ހޯދެން ހުންނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށާއިި، ބީއެމްއެލްއަށް ގޮސްގެން ހޯދަންޖެހޭ ހިދުމަތެއްނަމަ ދުރާލާ އެޕޮއިންޓްމެންޓް ހެއްދުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

އެޕޮއިންޓްމެންޓް ހަދާ ކަސްޓަމަރުންގެ ތެރެއިން ހިދުމަތް ދޭނީ ދުވާލަކު 300 ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ބީއެމްއެލްގެ ބްރާންޗްތަކަށް ހިދުމަތް ހޯދަންދާ ފަރާތްތަކުން ގައިދުރުކަން އިސްކުރުމަށާއި، މާސްކް އަޅައިގެން ތިބުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.