ސަރުކާރު ބަންދު ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލި ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން މިމަހުގެ 6 އަކާއި ހަމައަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

އެހެންކަމުން މި ތިންދުވަހު އިކޮނޮމިކް މިނިސްޓްރީން މިހާރު ދެމުންދާ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެގޮތުން އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް މިއަދުން ފެށިގެން މިމަހުގެ 6 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ބިޒްނަސް ޕޯޓަލް [email protected] މެދުވެރިކޮށް ފޯރުކޮށްދެމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މި ދުވަސްތަކުގައި އެ މިނިސްޓްރީން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް ފިޔަވައި، އެހެނިހެން މުހިއްމު ހިދުމަތްތައް ހޯދުމަށް [email protected] އަށް އީމެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވެއެވެ.

އަދި އާއްމު މައުލޫމާތުތައް އެ މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.