ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިމަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށް، މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 05 ސެޕްޓެމްބަރ 2019 ގައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް 2 ފެބަރުއަރީ 2020 ގައި ފަށައި، މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހު މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

މިމަޝްރޫޢުއަކީ 5.18 މިލިއަން ރުފިއާގެ މަޝްރޫއުއެކެވެ.

ވ. ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ސަރަހައްދެއްހައި ބޭރު ތޮއްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ބަނދަރާ އިންވެގެން 610 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ހިންގާފައިވެއެވެ.

އެމްޓީސީސީން ވަނީ 2 ވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމާފައެވެ. އަދި 8 މަޝްރޫއުއެއްގެ މަސައްކަތް މި ކުއާޓާރު ތެރޭގައި ފަށާފައެވެ.

މިގޮތުން ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫއު، އއ. ހިމަންދޫ ބަނދަރު ހެދުމުގެމަޝްރޫއު، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫއު، ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫއު، ގއ. ވިލިނގިލި އަދި ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫއު، ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫއު، ގދ.މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫއު އަދި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.