ފިލިޕީންސްގައި ކޮވިޑް-19 ބަލިމަޑުކަން އަނެއްކާވެސް ވަރަށް ހަލުވިކަމާއެކު ފެތުރޭން ފެށުމާގުޅިގެން ވެރިރަށް މެނީލާ ހިމެނޭ އެގައުމުގެ އެންމެބޮޑު ރަށް ލުޒޯން އަލުން ލޮކްޑައުން ކޮށްފިއެވެ.

ފިލިޕީންސް ސަރުކާރުން މިހާރުވަނީ ލުޒޯންގެ 27 މިލިއަން ރައްޔިތުން ގޭގައި ތިބުމަށް އަމުރުކޮށްފައެވެ.

ގެއަށް ބޭނުންވާ އަސާސީ ތަކެތި ގަތުމަށާއި، ކަސްރަތަށް ނުވަތަ މަސައްކަތަށް ދިއުމަށް ފިޔަވައި، އިތުރު އެއްވެސް ބޭނުމެއްގައި ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުންވަނީ އަމުރުކޮށްފައެވެ.

އާންމުން ގެއަށްވަނުމަށް ފިލިޕީންސް ސަރުކާރުން ދިނީ 24 ގަޑިއިރުގެ މުހުލަތެވެ.

އެހެންކަމުން، ލުޒޯންގެ އެކި ހިސާބުތަކަށް ނިސްބަތްވާ އެތައްބަޔަކު ގެއަށްނުދެވި ވެރިރަށް މެނީލާގައި ތާށިވެފައި އެބައިތިބިކަމަށް ފިލިޕީންސްގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

އަލުން ލޮކްޑައުންކުރުމަށް ސަރުކާރުން ދިން 24 ގަޑިއިރުގެ މުހުލަތު ހަމަވުމާއެކު، އާންމު ދަތުރުފަތުރާއި، އެތެރޭގެ ވައިގެ އުދުހުންތައްވެސް މިހާރުވަނީ ހުއްޓާލާފައެވެ.

ފިލިޕީންސް އަލުން ލޮކްޑައުންއަށް ދިޔައިރު، އެގައުމުގައި ހަލުވިކަމާއެކު އަލުން އަލުން ފެތުރޭންފަށައި، އަދި އިއްޔެއާ ހަމައަށް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 106،000 އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ. ބަލީގައި 2،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

ފިލިޕީންސް އަލުން ލޮކްޑައުންއަށް ދިޔައިރު، އެގައުމުގެ ޑޮކްޓަރުންނާއި، ރައީސް ރޮޑްރިގޯ ޑުޓަރޓޭއާ ދެމެދު ވަރަށް ވަރުގަދަ އަރާރުމެއްވެސް ހިނގާފައި ވެއެވެ.

އަރާރުން ފެށުނީ، ބަލި ފެތުރުން ހުއްޓުވަން އައު ލޮކްޑައުންއަކަށް ދިއުމަށް ޑޮކްޓަރުން ރައީސަށް ގޮވާލުމާ ގުޅިގެންނެވެ. ޑޮކްޓަރުންގެ ގޮވާލުމަކީ ސަރުކާރާދެކޮޅު އަނިޔާވެރި އަމަލެއް ހިންގުމުގެ އަމަލެއް ކަމަށް ވިދާޅުވެ ރައީސް ޑުޓަރޓޭ ޑޮކްޓަރުންނަށް ވަރުގަދަ އިންޒާރުތަކެއްވެސް ދެއްވާފައި ވެއެވެ.

ނަމަވެސް، ފިލިޕީންސްގެ ރައީސް މިހާރުވަނީ މިއަދުން ފެށިގެން މިމަހުގެ 18 އަށް ވެރިރަށް މެނީލާއާއި، މެނީލާއާ ޖެހިގެން އޮންނަ ބޮޑު 4 ޕްރޮވިންސް އަލުން ލޮކްޑައުން ކުރައްވާފައެވެ.