• ފިހާރަތައް ރޭގަނޑު 9:30 ގައި ބަންދުކުރަންޖެހޭ

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ ސިޓީ، ހުޅުމާލެ އަދި ވިލިމާގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް އާންމުން ބޭރުގައި އުޅުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭއިން ވިދާޅުވީ، މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް މާލެ ސަރަހައްދުގައި އާންމުން ގެއިން ބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށެވެ.

އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައްވެސް އެހާތަނަށް މުޅިން ހުއްޓާލަންޖެހޭ ކަމަށް ހާމަކުރެއްވިއެވެ.

ހަމަ އެއާއެކު، ރޭގަނޑު 10:00 ގެ ފަހުން ގްރޭޓަރ މާލެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުންވެސް މަނާވާނެ ކަމަށް ހާމަކޮށްފައި ވެއެވެ.

މީގެއިތުރުން، ރޭގަނޑު 9:30 އަށް ހުރިހާ ވިޔަފާރިތައްވެސް ބަންދުކުރަން ނިންމާފައިވާ ކަމަށް ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު އައިޝަތު ސާމިޔާ ވިދާޅުވިއެވެ.

އަދި މާލެއިން ފުރައިގެން ރާއްޖޭގެ އެއްވެސް ރަށަކަށް މީހަކަށް ދެވޭނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި، އެގޮތުން، ހުއްދަދޭނީ އިމަޖެންސީ ކަމެއްގައި މާލެ އައިސްފައިތިބި މީހުންނަށް ކަމަށްވެސް ސާމިޔާ ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިރެއިން ފެށިގެން މާލެ ސަރަހައްދުގެ މަގުތައް ބަލަހައްޓަން ފުލުހުން ފަށާނެ ކަމަށާއި، އެޗްޕީއޭއިން ނިންމި ނިންމުމާ އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ސަރަހައްދު ފިޔަވައި، އަތޮޅު ތެރޭގައި ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައިވެސް އާންމުން މާސްކްއަޅައިގެން އުޅުން މަޖުބޫރު ކަމަށެވެ.

ހަމަ އެއާއެކު، ބަލި ފެތުރެމުންނުދާ ރަށްރަށުގައިވެސް އާންމުން މާސްކް އަޅައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޮފީސް މަސައްކަތްތަކަށް ކޮންމެހެން ނެރެންޖެހޭ މުވައްޒަފުން ފިޔަވައި، ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ޑރ. ނަޒްލާ އެދިވަޑައި ގެންނެވިއެވެ.