ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއާތުގެ އަޑުއެހުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އެދުމުގެ މަތިން ކެންސަލްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުން މާދަމާ ބޭއްވުމަށް ހަމަޖެހި، އަޑުއެހުން ކެންސަލް ކުރުމާގުޅިގެން ވީނުއިސް އިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ހައިކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިތުރު އަޑުއެހުމެއް ބާއްވާނީ ރައީސް ޔާމީން އާއި ވަކީލުންނާއި މަޝްވަރާ ކުރެއްވުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށް ބުނެފައިވާނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބިފައި ނުވާ ކަަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ޔާމީން އާއި ބައްދަލުކުރުމަށް އެދުމުން ޖުލައި މަހުގެ 14 ވަނަ ދުވަހު ކަރެކްޝަންސް އިން ބުނީ ކަނޑައެޅިފަ އޮންނަ އުސޫލުން ބައްދަލުކުރެވޭނެ ވާހަކަ. އަދި ކަނޑައެޅިފަ އޮންނަ އުސޫލަކީ ވީޑިއޯ އަދި އޯޑިއޯ ކޮށް ބައްދަލުކުރުން ކަމަށް ޖުލައި މަހުގެ 23 ވަނަ ދުވަހު ކަރެކްޝަނުން ބުނި. ނަމަވެސް ކަރެކްޝަނުން ޖުލައި މަހުގެ 5 ވަނަ ދުވަހު ނެރުނު އިއުލާނެއްގައިވޭ ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު ގައިދީންނާއި ބައްދަލުކުރެވޭނެ ވާހަކަ. އެގޮތުން އެކަހެރި ބައްދަލުވުންތައްވެސް ދޭނެ ވާހަކަ."
ލޯޔަރ ޝަމީމް

ކަރެކްޝަންސް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އީމެއިލްއިން މައްސަލަ ހުށަހެޅުމަށް ކަރެކްޝަނުން އެދިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މާދަމާގެ އަޑުއެހުން ކެންސަލް ކުރަންޖެހުނީ ރައީސް ޔާމީންއާއި ބައްދަލުވުމުގެ ފުރުސަތު ނުލިބުމާއި އަދި ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.

އެދުވަހުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ކޯޓުން ވަނީ އެކަން ހަމަޖައްސައި ދިނުމަށް ދައުލަތުގައިވެސް އެދިފައެވެ.

ނަމަވެސް އެ އިންތިޒާމުތައް ހަމަޖައްސައި ދީފައި ނުވާތީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެފައިސާ މީރާއަށް ދައްކަން ހުކުމުގައި ބުނެފައިވަނީ ހަމަސް ދުވަސް ތެރޭގައެވެ. ނަމަވެސް ހުކުމްކުރިތާ މިހާރު ހަތްމަސް ވެގެން ދިޔައިރުވެސް އެފައިސާ ރައީސް ޔާމީން ދައްކަވައިފައެއް ނުވެއެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ. އަދި އެމައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރަން ހައި ކޯޓުގައި އެދިފައިވީ ނަމަވެސް އެ ކޯޓުން ނިންމާފައި އޮތީ ކަފާލާތު ނުދިނުމަށެވެ.