ސިއްހީ ގައިޑްލައިނާ ޚިލާފަށް ހުރުމުން އިތުރު 20 ތަނެއް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނެފައިވަނީ، އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަންގައި އިއްޔެ 146 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އިއްޔެ އިންސްޕެކްޓްކުރި ތަންތަނުގެ ތެރެއިން، ގައިޑްލައިނަށް ނުފެތޭތީ 20 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އިއްޔެ ވަގުތީގޮތުން ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ބޯކޮށާ 8 ތަން، 7 ފިހާރަ، 3 ކެފޭ/ރެސްޓޯރަންޓް، އަދި 2 ޖިމްއެވެ.

ސިއްހީ ގައިޑްލައިނަށް ނުފެތޭތީ މިދިޔަ ހޯމަދުވަހުވެސް 33 ތަނެއް ބަންދުކޮށްފައި ވެއެވެ. އެ ތަންތަނުގެ ތެރޭގައި ހިމެނެނީ، 5 ބޯކޮށާ ތަނާއި، 17 ފިހާރައާއި، 10 ކެފޭ/ރެސްޓޯރަންޓާއި، މާރުކޭޓެކެވެ.

މިފަދަ ތަންތަން ވަގުތީގޮތުން ބަންދުކުރި ނަމަވެސް އިސްލާހުކުރަން އަންގާ ކަންކަން އިސްލާހްކޮށް އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެކަން އެންގުމުން އިންސްޕެކްޓަރުން ފޮނުވައި އަލުން ބެލުމަށްފަހު އެފަދަ ތަންތަން އަލުން ހުޅުވުމުގެ ހުއްދަވެސް ދަނީ ދެމުންނެވެ.