• މަރުވިމީހުންގެ އަދަދު 100 އިން މައްޗަށް، ޒަޚަމްވި މީހުންގެ އަދަދު 4،000 އިން މައްޗަށް
  • ބާރުގަދަ ގޮވުމުގެ ސަބަބު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުން
  • ލުބުނާނުގައި މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއް

ވެރިރަށް ބެއިރޫތުގައި ރޭ ހިނގި ބާރުގަދަ ގޮވުމާގުޅިގެން ލުބުނާނުގައި ދެހަފްތާގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރުމާގުޅޭ މަޝްވަރާއަށް ލުބުނާނުގެ ރައީސް މިޝެލް އައޫން މިހާރުވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައެވެ.

ބެއިރޫތުގައި ރޭ ހިނގި ބިޔަ އަދި ބާރުގަދަ ގޮވުމާއިގުޅިގެން މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައި ވާއިރު، 4،000 އަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވެއެވެ.

މިހާދިސާއާ ގުޅިގެން މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން އަދިވެސް ގެންދަނީ ވެއްޓިފައިވާ އިމާރާތްތަކާއި، ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބައިރޫތުގެ ގަވަރްނަރް މަރްވާން އަބްދޫދް ވިދާޅުވީ، މިހާދިސާގެ ސަބަބުން ތިންލައްކައަށްވުރެ ގިނަމީހުންގެ ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ ކަމަށެވެ. އެ ހުރިހާ އެންމެނަށް ސަރުކާރުން ގެންދަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދެމުންނެވެ.

ރޭގެ ގޮވުމުގެ ލޮޅުންތައް މުޅި ބެއިރޫތަށް ކޮށްފައިވާއިރު، ގޮވުމުގެ ބާރުގަދަކަމުގެ ބެއިރޫތުގެ ރަށްބޭރުގެ ތަންތަނަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބު އަދި ނޭނގޭ ކަމަށް ލުބުނާނު އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ބުނެއެވެ.

އެހެންމަވެސް، ބާރުގަދަ ގޮވުން ގޮވާފައިވަނީ ބެއިރޫތު ބަނދަރު ސަރަހައްދުގަ ކަމަށްވެފައި، އެ ގޮވުމާއި، އެހިސާބުގައި 2،750 އެއްހާ ޓަނުގެ ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަނާ ގުޅުމެއްވާކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.

ބެއިރޫތުގައި ރޭ ގޮވި ބާރުގަދަ ގޮވުމާ ގުޅިގެން ލުބުނާނުގެ ރައީސް މިޝެލް އައޫން ވަގުތުންވަނީ އެގައުމުގެ ހައި ޑިފެންސް ކައުންސިލް އެއްކުރައްވާފައެވެ. ހައި ޑިފެންސް ކައުންސިލުން ލަފާދީފައިވަނީ، ވެރިރަށް ބެއިރޫތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ސިފައިންނާ ހަވާލުކުރުމަށެވެ.

ރޭގެ ހާދިސާއާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބުވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އިޢްލާން ކުރައްވާފައެވެ.