އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށް ސްރީލަންކާގެ ރައްޔިތުން މިއަދު ވޯޓްލަމުން އެބަގެންދެއެވެ.

ކޮވިޑް-19 ބަލީގެ ނުރައްކަލާހެދި ވޯޓްލުމުގެ ކަންކަން ކުރިއަށްދަނީ ސިއްހީ ރައްކާތެރިކަމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ.

އެގޮތުން، ވޯޓްލާން އަންނަ އެންމެ މާސްކްއެޅުމާއި، އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުން މަޖުބޫރެވެ.

ވޯޓްލާން ހެނދުނު 7 ޖެހިއިރު ހުޅުވާލުމާއެކު މީހުން ކިޔޫގައި ޖެހި، ވޯޓްލާން ފަށާފައި ވެއެވެ.

މިއަދުގެ އިންތިޚާބަކީ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ބޭފުޅުންގެ މަގާމު އިތުރަށް ވަރުގަދަ ކުރެއްވުމަށް އުންމީދުކުރައްވާ އިންތިޚާބެކެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިގެންވެއެވެ. މީގެތެރެއިން 750،000 މީހުން ޕޯސްޓް މެދުވެރިކޮށް އިންތިޚާބުގައި ވޯޓްލާފައިވާ ކަމަށް ސްރީލަންކާ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

މިއަދުގެ އިންތިޚާބުގެ ވޯޓް ގުނަން ފަށާނީ މާދަމާއެވެ. އަދި ވޯޓުގެ ނަތީޖާ އިޢްލާން ކުރެވޭވަރުވާނީ މާދަމާރޭ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ސްރީލަންކާއަކީ އެގައުމުގެ އިގްތިސާދު ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ.

ނަމަވެސް، މިދިޔައަހަރުގެ އީސްޓަރ ސަންޑޭގައި ކޮޅުނބުގައި ހިންގި ވަރުގަދަ ބޮން ގޮއްވުމުގެ ހާދިސާތަކާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށްބޮޑު ހީނަރުކަމެއް އައެވެ.

އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ކޮވިޑް-19 ބަލީގެ ހާލަތާ ކުރިމަތިލާންޖެހުނެވެ.

ބަލިފެތުރުން ހުއްޓުވަން ހަރުކަށި ކާފިއުގެ އުސޫލުތަކާއި، ލޮކްޑައުންގެ ސަބަބުން އިގްތިސާދީ ދުވެލި އިތުރަށް މަޑުޖެހިގެންދިޔައެވެ.