ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަަސްދީގު ކުރައްވައިފިއެވެ.

މިބިލަކީ، 20 ޖުލައި 2020 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ފެނާއި ނަރުދަމާގެ ގާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެ ކަމަށާއި، ޚިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭން ވާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ގާނޫނުގައި ވެއެވެ. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިޢުކުރަންވާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން މިގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.

މި ގާނޫނު ގެޒެޓުގައި ޝާއިޢު ކުރުމާއިއެކު، މިގާނޫނަށް ވަނީ އަމަލުކުރަން ފަށާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.