ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި، ގާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ 22 ޖުލައި 2020 ވި ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިއިސްލާހުގައި، ބަޔާންކޮށްފައިވާ ގޮތުގައި މިއިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްސަކޮށްގެން އެއްމަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށްގެ ންދަންޖެހެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ވަކިވަކި ބައިތަކާއި، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލު ބާ ކައުންސިލުން އެކުލަވާލައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.

މިއާއެކު މި އުސޫލު ގެޒެޓުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ ތަމްރީނު ޕްރޮގްރާމް ފަށަންޖެހޭ ގޮތަށްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.

މީގެއިތުރަށް އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ތާރީޚުން ފެށިގެން ގިނަވެގެން އެކާވީސްދުވަހުގެ ތެރޭގައި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ގާނޫނީ ވަކީލުކަމުގެ ހުވައި އައު ކުރުމުގެގޮތުން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ހުރިހާ ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާ ކައުންސިލުން އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުން މިބިލުގައި ލާޒިމުކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން މިބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.