ދެކުނު އެފްރިކާގެ 24،000 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ޒްވެލި އެމްކްވީޒާ ވިދާޅުވީ، ދެކުނު އެފްރިކާއިން މާޗްމަހު ކޮރޯނާވައިރަސް ފެނުނުފަހުން މިހާތަނަށް ބަލީގައި 181 ސިއްހީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށެވެ.

ދެކުނު އެފްރިކާއަކީ އެފްރިކާ ބައްރުން ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ.

އެގުމުން މިހާތަނަށް 521،318 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ މުޅި އެފްރިކާ ބައްރުން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ދެބައިކުޅަ އެއްބައެވެ.

ހެލްތު މިނިސްޓަރ ޒްވެލި އެމްކްވީޒާ ވިދާޅުވީ، ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 24،104 މީހުންނަކީ ސިއްހީ މަސައްކަތްތެރިން ކަމަށެވެ.

ކޮވިޑް-19 ބަލީގެ ހާލަތު ދުނިޔޭގައި އިތުރަށް ގޯސްވަމުންދާއިރު، މިބަލި މިހާތަނަށް ޖެހުނުކަމަށް ރެކޯޑުކުރެވުނު އަދަދު މިއަދުގެ ނިޔަލަށްވަނީ 18.55 މިލިއަނަށް އަރާފައެވެ. މިއަދު އެކަނިވެސް 4 ލައްކަމީހުން އަލަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ދުނިޔެއިން ބަލި ޖެހުނު ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ތެރެއިން 11.1 މިލިއަން މީހުން ބަލިން ފަސޭހަވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 700،000 އަށްވުރެ ގިނަމީހުން ބަލީގައި މަރުވެފައި ވެއެވެ. މިއީ، އެވަރެޖްކޮށް ބަލާއިރު ކޮންމެ 15 ސިކުންތަކުން މީހަކު މަރުވާ ނިސްބަތެވެ.

ބަލީގެ ހާލަތު އެމެރިކާ، ރަޝިޔާ، އިންޑިއާ އަދި އެހެން ބައެއް ގައުމުތަކުގައި އިތުރަށް ގޯސްވަމުންދާއިރު، ކޮވިޑް-19 ބަލީގައި މިހާތަނަށް އެންމެ ގިނަމީހުން މަރުވެފައިވަނީ ލެޓިން އެމެރިކާގެ ގައުމުތަކުންނެވެ.

ލެޓިން އެމެރިކާ ބައްރު މިހާރުވަނީ ޔޫރަޕް ފަހަނައަޅައިފައެވެ. ލެޓިން އެމެރިކާގެ ގައުމުތަކުން ބަލީގައި މަރުވި މީހުންގެ އަދަދު 206،000 އަށްވުރެ މަތިވެފައިވާއިރު، މިއީ، ގާތްގަނޑަކަށް މުޅި ދުނިޔެއިން ބަލީގައި މަރުވި މީހުންގެ %30 އެވެ.

ލެޓިން އެމެރިކާއިން ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ބްރެޒިލްއިން އެކަނިވެސް އަންގާރަ ދުވަހުގެ ނިޔަލަށް 95،819 މީހުން މަރުވެފައި ވެއެވެ. ބަލީގެ ހާލަތު ދެވަނައަށް އެންމެގޯސްވެފައިވަނީ މެކްސިކޯގައެވެ.

އޭގެ އިތުރުން، ކޮލަމްބިއާ، ޕޭރޫ، އާޖެންޓީނާ އަދި ބޮލީވިއާގައިވެސް ހާލަތުދަނީ ގޯސްވަމުންނެވެ.