މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށުގައި ބަންދުކޮށްފައި ހުއްޓައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ މަރުވިތާ ހަތަރުވަނައަށް ވީދުވަހު، އޭނާގެ ޖަނާޒާ މިއަދު ބާއްވައި ވަޅުލައިފިއެވެ.

ޔާސިރު ޔަހުޔާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ. ވަޅުލާފައިވަނީ މާލޭގެ އާސަހަރާގައެވެ.

އޭނާ މަރުވީ، އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 16:25 ގައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސްވާން ފެށުމާ ގުޅިގެންނެވެ.

ޔާސިރު ޔަހުޔާގެ މަރަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ، ޔާސިރު ޔަހުޔާއަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ކޮންޓްރޯލާރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ބާރުގެދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައިހުރި މީހެއް ކަމަށެވެ.

ޖެހިގެން އައިދުވަހު މޯލްޑިވްސް އިމިގްރޭޝަނާއި، ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޔާސިރު ޔަހްޔާ އަނބުރާ ގައުމަށް ފޮނުވާލުމަށް އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށާއި، އެކަންކަމަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.

ޔާސިރު ޔަހުޔާ ބަންދުކޮށްފައި ހުރި ހުރުމާ ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަރަށް އިތުބާރުހި ފަރާތަކުން ލިބުނު މައުލޫމާތަކުން ޔާސިރު ޔަހުޔާއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން އެނގިފައިވާ ކަމަށެވެ.

"އެކަން އެނގުމާއެކު އޭނާ އަނބުރާ ގައުމަށް ފޮނުވާލަން އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު. އެހެންނަމަވެސް އެކަންކަމަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވޭ" ބަޔާން

އިމިގްރޭޝަނުން ބުނެފައިވަނީ، ޔާސިރު ޔަހުޔާ ޓުއަރިސްޓު ވިސާގައި ރާއްޖެ އެތެރެވެފައިވަނީ 2014 ގައި ކަމަށެވެ.

ހަމަ އެއަހަރު ދިވެއްސަކާ ކައިވެނިކޮށްފައިވާ ކަމަށާއި، އޭނާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ބެލެވޭތީ އޭރުންފެށިގެން އޭނާގެ އަމަލުތައް ފުލުހުން މޮނިޓަރ ކުރަމުންގެން ދިޔަކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްއަށް ލިބިފައިވާ އިންޓެލްއިން އޭނާއަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ، އެޖަމާއަތުގައި އިސް ދައުރެއް އަދާކުރާ، އެޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓު ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަން އެނގިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޖަމާއަތުން ހިންގާ ހަރަކާތްތައް ރާވައި ވިލަރެސްކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުންހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގު ކޮށްފައިވާ ދިވެހިންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވާ ކަންވެސް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ.

ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާއި ގުޅުންހުރި އަމަލުތަކުގައި އެކި ގައުމުތަކުގައި ހައްޔަރުކުރެވި އެކި ފަހަރުމަތިން ބަންދުކުރެވިފައިވާ މީހެއް ކަމަށާއި، އަދި ސައްހަ ނޫން ޓްރެވަލް ޑޮކިއުމެންޓުގައި އެކި ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ނަމަވެސް، ތުހުމަތުތަކެއް ކުރެވި އެއްވެއް ޝަރީއަތެއް ނުހިންގައި، ހުކުމެއްނެތި ދެއަހަރަށްވުރެ ގިނަދުވަހު ޔާސިރު ޔަހްޔާ ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އެތައް ފަރާތަކުން ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށްފައި ވެއެވެ.

އަދި ވަކީން ޚާއްސަކޮށް ބަންދުގައި ބަހައްޓާގައި ހުއްޓައި އޭނާ މަރުވުމުން ފާޑުކިއުންތައް އިތުރުވެގެންދިޔައެވެ.

ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު ބޭއްވުމާ ދިމާކޮށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޔާސިރުގެ މަރުގެ ޒިންމާ ޖަލު ހިންގާ ދައުލަކަތުން ނަގަންޖެހޭނެ ކަމަށެވެ.

"ކުރި ދަޢުވާއެއް ނުވަތަ ޙުކުމެއްނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑުއަނިޔާއެއް. އެފަދަ އަނިޔާއަށް ކެތްނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ"
އަލީ ހުސައިން