ފުވައްމުލަކުގައި ހޯމް ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު މިއަދު ނެގި ސާމްޕަލެއް ޕޮޒިޓްވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އަދި ނަތީޖާ ނުލިބޭ ސާމްޕަލްތައް އެބަހުރި ކަމަށާއި މިވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އަޅައި އަދި ގައިދުރުކަން ބޭއްވުން ވަރަށް މުހިއްމު ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އަދި ހަމަ މިއާއެކު ހޯމް ކަރަންޓީންގައިތިބި މީހުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެމުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، ޒަރޫރީ ބޭނުމެއްގައިނޫނީ މާލެއިން މީހުން ރަށްރަށަށް ނުފޮނުވަން މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މާލެ އަންނަ ކަނޑު އުޅަނދުތައް މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ލެފުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ޚާއްސަ ތަންތަނެއް މިހާރުވަނީ ކަނޑައަޅާގައެވެ. އެނޫން ތަންތަނަށް އުޅަދުތައް ގާތްކުރުމާއި މުދާ އަރުވާ ބޭލުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.