މާލެ ސިޓީގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވުމާއި ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ދިން ލަފާޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިކަން ގައުމީ ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ވީނިއުސްއަށް ޔަގީންކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެފްއޭއެމުން މިހާރު ވަނީ ފަރިތަކުރުންތައް އަލުން ފެށުމަށް އެޗްޕީއޭ އާއި ކުޅިވަރާބެހޭ ވުޒާރާގެ ލަފަޔަކަށް އެދިފައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މާލެ ސިޓީގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން އެއްވެސް ކުޅިވަރެއްގެ ފަރިތަކުރުންތައް ނުވަތަ މުބާރާތްތައް ނުބޭއްވުމަށް އެޗްއީއޯސީން އަންގާރަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސީ ޕްލޭނިންގެ އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު ސާމިޔާ ވަނީ ވިދާޅުވެފައެވެ.

އަންނަ އޮކްޓޯބަރު މަހު ފަށާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް އަލުން ފަށާފައިވަނީ ޖުލައިމަހުގެ ކުރީކޮޅުގައެވެ. ފަރިތަކުރުންތައް އޭރު ފަށާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިގެން ފަރިތަކުރުންތައް ފެށި ނަމަވެސް، އަދިވެސް އެކި ސަބަބުތަކާ ހުރެ ބައެއް ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވެއެވެ.

ރާއްޖެ އާއި ޗައިނާގެ މެޗު އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ.