އަޟްހާ އީދާއި ގުޅުވައިގެން ކ. ދިއްފުށީގައި ބޭއްވި ދިއްފުށި އީދު ފޯރި ފުޓްސަލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެފްސީ ސެންހޮކް އަދި އަންހެން ބައިގެ ޗެމްޕިއަަންކަން އެފްސީ ލަޒާނިއާ ހޯދައިފިއެވެ.

އެސޯސިއޭޝަން ފޯ ދިއްފުށި ޑިވެލޮޕްމެންޓް (އޭޑީޑީ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންހޮކް ހޯދީ ފައިނަލް މެޗުގައި އެފްސީ ބްލޭޒް 5-3 އިން ބަލިކޮށްގެންނެވެ.

މި ބައިގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އެފްސީ ސެންހޮކް ގެ ޒައިން ޒަފަރު އާއި އިބްރާހިމް މާއިޝް އާއި އަލީ ރިޝާދު އާއި ހުސެއިން އަޔާޒުގެ އިތުރުން އެފްސީ ބްލޭޒްގެ ރިލްވާން ރަޝީދެވެ. މީގެތެރެއިން ޒައިން ޒަފަރު އާއި ރިލްވާން ރަޝީދަކީ ކުލަބް އީގަލްސްއަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަހުމަދު ރިޒްވާން ގެ އާއިލާއަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.

ފިރިހެން ބައިގައި ހަ ޓީމެއް ވާދަކުރިއިރު، މި ބައިގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސެންހޮކްގެ ޒައިން ޒަފަރެވެ. އަދި މި ބައިގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ލިވިކްއެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ޓީމު

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި އެފްސީ ލަޒާނިއާ ހޯދީ ފައިނަލް މެޗުގައި އެފްސީ ޒޫން އަތުން 4-3 ން މޮޅުވެގެންނެވެ. އަންހެން ބައިގައި ތިން ޓީމެއް ވާދަކުރިއިރު، އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ލަޒާނިއާގެ މަރިޔަމް ނިޒުލީއެވެ. އަދި މި ބައިގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ފަރި ކަނބަލުންނެވެ.

އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްސީ ލަޒާނިޔާގެ މަރިޔަމް ނިޒުލީ އާއި ފާތިމަތު ނަޒީހާގެ އިތުރުން އެފްސީ ޒޫން ގެ ހައްވާ ޒައީމާ އާއި ހައްވާ ރިޖުލާ ގެ އިތުރުން އެފްސީ ފަރި ކަނބަލުންގެ ފާތިމަތު މުޒުނާ އެވެ.

އަޟްހާ އީދު ފާހަގަކުރުމުގެ އެސޯސިއޭޝަން ފޯ ދިއްފުށި ޑިވެލޮޕްމެންޓް (އޭޑީޑީ) ން ދިއްފުށީގައި ބޭއްވި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލިއިރު، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބާއްވާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.