ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދަފްތަރު. ނަންބަރު 4336، އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފަނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

ހުވައިކުރެއްވުމަށްފަހު، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ.

އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން މިއަދު ވަކިކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ.

ޑރ. މައުސޫމް ޓުރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް މި އައްޔަން ކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށް ކުރެވުމުން ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. ނަމަވެސް ރައީސް އެންގެވިގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސްވަނީ އަލީ ވަހީދު މަގާމުން ވަކިކުރައްވާފައެވެ.

އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރެވޭ އެތުހުމަތުތައް ދޮގުރައްވާ، ކޮންމެސް ދުވަހަކުން ހަގީގަތް އެނގޭނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ވަކި ކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން އޭރު ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.

ކޯލިޝަން ސަރުކާރުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރުގެ މަގާމަކީ ޖުމްހޫރީ ޕާޓީއަށް އޮންނަ ސްލޮޓެކެވެ.

އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދަކީ ޖޭޕީގެ ރައީސެވެ. އަލީ ވަހީދު ވަކިކުރައްވައި ޓުރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޑރ. މައުސޫމްއަކީވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.