ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްސޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އާމިނަތު އުއްމުކުލްސޫމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އާމިނަތު އުއުއްމުކުލްސޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒު އަލީ ޒާހިރެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އާމިނަތު އުއްމުކުލްސޫމް ވަނީ ހަވާލުކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އާމިނަތު އުއްމުކުލްސޫމް މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ.

އުއްމުކުލްސޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

އޭގެކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަގާމުތައް އުއްމުކުލްސޫމް ފުރުއްވާފައިވެއެވެ.