މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާއެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނަށް ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، "އަޙްމަދު ސިޔާމް ހޯލްޑިންްސް" (އޭއެސްއެޗް) އަށް ދައުލަތުން ގެރެންޓީ ދީފައިވާ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، އެމައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައިވަނިކޮށެވެ. އަދި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވާފައިވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖުލައިމަހުގެ 21 ގެ ކުރިން އަހްމަދު ސިޔާމް ހޯލްޑިންގްސް އިން ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓްރެސްޓް އަދި އެހެނިހެން ފީއަށްވާ ފައިސާ ދައްކާފައިނުވާތީ ބޭންކުން ވަނީ ސޮވެރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެފައިސާ ދެއްކުމަށް ޖުލައިމަހުގެ 22 ވަނަ ދުވަހު ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އެ އެންގުމާއި އެއްގޮތަށް، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ، އަހްމަދު ސިޔާމް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހަމަޖެއްސައި، އެސްކްރޯ އެކައުންޓަށް މިހާރު ޖަމާކޮށްފައިވާ ކަމަށްވެސް ފިނޭންސްއިން ވަނީ ބުނެފައެވެ. އަދި އެސްކްރޯ އެޖެންޓް މެދުވެރިކޮށް އެފައިސާ މިއަދު ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައިވާ ކަމަށެވެ.

ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ،127،500،000 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ.

މިއީ އަމިއްލަ ފަރާތަކަށް މިގޮތަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދިން ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިސަރުކާރުން ސޮވްރިން ގެރެންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވެރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށެވެ. އިސްކަންދެނީ ދިވެހި ދައުލަތް ސޮވެރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށެވެ.