ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފުވެގެން އިއްޔެ 20 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ލޮކްޑައުންއަށް ލުއިދިނުމަށްފަހު އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، މިތަންތަނުގައި އަމަލުކުރާނެ އައު އުސޫލެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މިފަދަ ތަންތަނުން ހިދުމަތްދޭއިރު މިއުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އެޗްޕީއޭއިން ވަނީ މިތަންތަން އިންސްޕެކްޓުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިދިޔަ ޖުލައިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މި އިންސްޕެކްޝަންތައް ކުރިއަށްދާއިރު، އިއްޔެ ކުރިއަށްދިޔަ އިންސްޕެކްޝަންގެ ތެރެއިން 235 ތަނެއް ބަލާފައިވާ ކަމަށާއި، މީގެތެރެއިން ގައިޑްލައިންއާއި ހިލާފަށް އަމަލުކުރާ 20 ތަނެއް ފާހަގަކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެތަންތަން ބަންދުކޮށްފައިވާ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 6 ސެލޫން، 8 ފިހާރަ އަދި 3 ރެސްޓޯރަންޓްގެ އިތުރުން 3 މާރުކޭޓެކެވެ.

މާލެ ސަރަހައްދުގައި ހިންގާފައި އޮތް ލޮކްޑައުންއަށް ލުއިދިނުމާއެކު އަނެއްކާވެސް ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީވެސް ދިވެހިންނެެވެ.