• ޕޮޒިޓިވްވި މީހުންގެ އަދަދު 6 ދުވަސްތެރޭ ފުރަތަމަ ފަހަރަށް 100 އިން ދަށަށް
  • 128 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ
  • ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވީ 19 މީހުން

ރާއްޖެއިން އިތުރު 86 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 86 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ، ވޭތުވެދިޔަ 6 ދުވަސްތެރޭ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ތިރިވި ފުރަތަމަ ފަހަރެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަނގްލަދޭޝްގެ 27 މީހުންނާއި، އިންޑިއާ މީހަކާއި، ފިލިޕީންސް މީހަކާއި ސްރީލަންކާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 85 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. ދެން ހިމެނެނީ އަތޮޅުތެރޭ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 4،680 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 19 މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

އެކްޓިވް ކޭސަސްގެ އަދަދު 1،936 އަށް އަރާފައިވާއިރު، މީގެތެރެއިން 128 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައި ތިބީ 1،391 މީހުންނެވެ.