މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާއްމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑް ޑިރެކްޓަރ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން އެމްޓިސީސީން ކޮށްފައިވާ އިއުލާނުގައި ބުނީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައި ވާގޮތުން ކުންފުނީގެ މިހާރު ހިއްސާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 02 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭ ކަމަށެވެ. މި ދެ ޑިރެކްޓަރުން އިންތިހާބުކުރުން މިއަހަރު ބާއްވާ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓިސީސީން ބުނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ކިބައިގައި ކުންފުނީގެ އަސާސީ ގަވައިދުގައި ހުރި މަގުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިހުރި މީހަކަށް ވާންޖެހޭނެ ކަމަށާއި، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަގާމު އަދަކުރުން މަނާކުރެވިފައިވާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން އެ މީހަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމާއި، ޕަބްލިކް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ހަމަވާ މީހަކަށްވުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ހިންގާ ގަވައިދުގައި ވާގޮތުން 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރުންގެ ޑިރެކްޓަރކަމުގެ މުއްދަތަކީ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީހުން 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާ ތާރީހަށް ކަމަށެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުންނަށް މިމަހުގެ 30 ގެ ނިޔަލަށް ޑިރެކްޓަރ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން ބޯޑް ޑިރެކްޓަރކަމަށް ކުރިމަތިލާން ބޭނުންވާ، ޝަރުތުތައް ހަމަވާ ހިއްސާދާރުން މިކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ކޮމްޕެނީ ސެކެޓްރީއަށް އެޑްރެސްކުރުމަށްފަހު އެކުންފުނީގެ ހެޑް އޮފީސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމުން ފޯމު ބަލައިގަންނާނެ ކަމަށް އެމްޓީސީސިން ބުނެއެވެ.