ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިންއާއި ހިލާފުވެގެން އިތުރު 15 ތަނެއް ބަންދުކޮށްފިއެވެ.

ލޮކްޑައުންއަށް ލުއި ދިނުމަށްފަހު އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު މި ތަންތަނުގައި ސިއްހީ ގޮތުން ވަކި މިންގަނޑަކަށް އަމަލުކުރަން އެޗްޕީއޭއިން އަންގާފައިވެއެވެ. މި ތަންތަނުން ހިދުމަތްދޭއިރު އެޗްޕީއޭއީން އެކުލަވާލާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް މީގެ ކުރިންވެސް އެޗްޕީއޭއިން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އިންސްޕެކްޝަނަށްފަހު މީގެ ދެވަނަ އިންސްޕެކްޝަނެއް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ގައެވެ.

އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އާއްމު ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންގެންދާއިރު، އިއްޔެގެ އިންސްޕެކްޝަންއިން 240 ތަނެއް ބަލާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީގެ ތެރެއިން ސިއްހީ ގައިޑްލައިންއާއި ހިލާފުވެގެން 15 ތަނެއް ބަންދުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި 6 ސެލޫނަކާއި، 7 ފިހާރައެއްގެ އިތުރުން 2 ރެސްޓޯރެންޓު ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގައިޑްލައިންއާއި ހިލާފުވެގެން ދުވާލެއްގެ މައްޗަށް އެތައް ތަނެއް ބަންދުކުރަމުންދާއިރު، ބަންދުކުރާ ތަންތަން ގައިޑްލައިންއާއި އެއްގޮތަށް އިސްލާހުކުރުމަށް 24 ގަޑިއިރުގެ މުއްދަތެއް ދެއެވެ. މި ވަގުތުގެ ތެރޭގައި އެތަންތަން އިސްލާހުކުރުމަށްފަހު އެޗްޕީއޭއަށް އެންގުމުން އެޗްޕީއޭއިން އެތަނަކަށް ގޮސް ދެވަނަ އިންސްޕެކްޝަނެއް ކުރެއެވެ. ދެވަނަ އިންސްޕެކްޝަނަށްފަހު އެތަނެއް ގައިޑްލައިންއާއި އެއްގޮތްނަމަ އެތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދެއެވެ.

މާލެ ސަރަހައްދުގައި ހިންގާފައި އޮތް ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމުން، ބަލި ކޮންޓްރޯލް ކުރަން އިތުރު ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅަން ފަށާފައެވެ. އެގޮތުން މަގުމަތީގައި އުޅެވޭ ވަގުތުތައް ކުޑަކޮށް، ފުލުހުން ވަނީ ކުރިއެކޭ އެއްގޮތަށް ކާފިއު ވަގުތުގައި މަގުމަތީގައި އުޅޭ މީހުން މޮނިޓަރ ކުރަން ފަށާފައެވެ.