މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރިވެގެންވާ އަމަލެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުުތުބާ ޚާއްސަކޮށްފައިވަނީ "މައިންބަފައިންނަށް އިހުސާންތެރިވެ ހެޔޮކޮށް ހިތުން" މި މައުޟޫއުއަށެެވެ. ހުތުބާގައި ބުނެފައިވަނީ މައިންބަފައިންގެ ހައްގުތައް މަތިވެރި ކަމަށާއި މައިންބަފައިންނަށް އިހުސާންތެރިވުމަކީ ވާޖިބެއް ކަމަށެވެ. އަދި އެމީހުންނަށް ހެޔޮކޮށް ހިތުމަކީ، މުސީބާތްތަކުން ސަލާމަތްވެ، ބަރަކާތް ހާސިލުވުމުގެ ސަބަބެއް ކަމަށެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ހުލުގުފުޅެއްކަމަށާއި، އަދި އެއީ ސޯލިހުންގެ ރިވެތި އާދައެއްކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެެ. އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށާއި، އެކަމުގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބޭކަމަށެވެ.

"ﷲ ތައާލާ ވަނީ މައިންބަފައިންނަށް އިހުސާންތެރިވުމަށް ވަސިއްޔަތް ކުރައްވައިފައެވެ. އެކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫއަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ހަޒުރަތަށެވެ..،"
ހުތުބާ

މީގެ އިތުރުން ހުތުބާގައި ބުނީ، ﷲ ތައާލާ ވަނީ ބާއްޖަވެރިކަމުގެ މަރުޖިއެއް ކަމުގައި މައިންބަފައިން ލައްވާފައި ކަމަށެވެ. އަދި އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންވަރުގެ ބައެއް ނުވާކަމަށާއި ﷲ ތައާލާގެ ހައްގު އަދާކުރުމަށްފަހު އެ ދެމީހުންގެ ހައްގު އަދާކުރުމަކީ ވާޖިބެއް ކަމަށެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ދީލަތިކަމުގެ ސިފައެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަމަކީ ސުވަރުގެއަށް ވެސް ވާސިލުވެވޭނެ މަގެއް ކަމަށެވެ. އެމީހެއްގެ މައިންބަފައިން މުސްކުޅި ހާލުގައި ތިއްބާ އަޅާނުލާ މީހުންނަކީ ސުވަރުގެ ނުވަދެވޭނެ މީހާ ކަމަށް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ވާކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ކީރިތި ގުރުއާނުގައި ވަނީ މައިންބަފައިންގެ ދަރަޖަ އާއި އެ މީހުންގެ އަދަބު އިހުތިރާމު އަދާކުރަންވީ ގޮތް ބަޔާންކޮށްފައި ކަމަށާއި އެ ދެމީހުން ނުވަތަ އޭގެ ތެރެއިން އެކަކު ކަމުގައި ވިޔަސް މުސްކުޅި އުމުރާ ބައްދަލުކުރާ ހިނދު، ކައިރީގައި ތިބޭ ދަރީން މައިންބަފައިންނަށް އަޅާލާ، އޯގާތެރިވާންޖެހޭނެ ކަމަށް އަންގަވާފައިވާ ކަމަށެވެ.

ހުތުބާ ނިންމާލަމުން ވަނީ މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ވަސިއްޔަތްކޮށްފައެވެ. އަދި ބާއްޖަވެރިންނަކީ މައިންބަަފައިންނަށް އިހުސާންތެރިކޮށް ކަންތައް ކުރާ މީހުން ކަމަށް ވެސް ވަނީ ބުނެފައެވެ.