ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން އަދިވެސް ހައްލުނުވާ ކަމަަށް ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ މިއަދަށް 12 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓުގައި ވަނީ ގާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރޭއިރުވެސް ދިވެހި ޓީޗަރުން، ނަރުހުން އަދި ޑޮކްޓަރުންގެ އިތުރަށް އެކައުންޓެންޓުން އަދި ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ގައުމުތަކުގެ މީހުންނާއި އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލުނުވާ ކަމަށެވެ.

މެމްބަރު އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމަށް ހުށަހެޅި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައި ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.

މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ، މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި، އެންމެ މަތީ ކެޓަގަރީއަށް 8000 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6000 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 ރުފިޔާ ކަނޑައަޅަން ވަނީ އިސްލާހުގައި ހުށަހަޅާފައެވެ.

މީގެ އިތުރަށް އެންމެ މަތީ ކެޓަގަރީއަށް 8500 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6500 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4500 ރުފިޔާ ކަނޑައަޅުމަށްވެސް ހުށަހަޅާފައިވެއެވެ. އަދި ވަޒީފާ ހޯދަން މަަސައްކަތްކުރާ ފަރާތްތަކަށް އުޖޫރައެއް ދޭން ބިލުގައި ހިމެނުމަށް މެންބަރުން މަޝްވަރާ ކުރައްވައި އެ ފަރާތްތަަކަށް އުޖޫރައިގެ ގޮތުގައި 5000 ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅާފައެވެ.