ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަމަލު ކުރައްވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސޮވެރިން ގެރެންޓީދީފައިވާ "އަހްމަދު ސިޔާމް ހޯލްޑިންްގްސް"ގެ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުންދާކަމަށް ފިނޭންސްއިން ބުނެފައިވާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ ގެރެންޓީއެއް ދީފައިވާ ފަރާތަކުން ފައިސާ ނުދައްކައިފިނަމަ ކަން ކުރަންވީ ގޮތް މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގަވާއިދާއި އަދި އުސޫލުން ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އެ ނޫން ގޮތަކަށް މިނިސްޓަރު އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އަމީރު އާއި ގުޅޭގޮތުން މިފަދަ ގޮތަކަށް ރައީސް ނަޝީދު ޓްވީޓު ކުރައްވާފައިވާއިރު "އަހްމަދު ސިޔާމް ހޯލްޑިންްގްސް"(އޭއެސްއެޗް)އަށް ދައުލަތުން ގެރެންޓީ ދީފައިވާ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، އެމައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުން އިއްޔެ ވަނީ އެ ނޯޓިސް މިނިސްޓަރަށްވެސް ފޮނުވާފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ، އަހްމަދު ސިޔާމް ހޯލްޑިންގްސް، އޭއެސްއެޗްއަށް ސޮވެރިންގ ގެރެންޓީ ނުވަތަ ދައުލަތުން ގެރެންޓީ ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 14 ޑިސެމްބަރު 2017 ގައިކަމަށެވެ. އަދި ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެކުންފުންޏަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވަނީ ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށްވެސް ފިނޭންސްއިން ނެރުނު ބަޔާނުގައިވެއެވެ.