އާންމުކޮށް ޒަރޫރީ ބޭނުމަށް ބޭނުންކުރާ ތަކެތި ގާތްގަނޑަކަށް މިހާރު ހުސްވެފައިވާ ކަމަށް ހއ.ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ހއ. ފިއްލަދޫން ތިން މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކުރުމާއި ގުޅިގެން އެ ރަށުގެ އާންމު ހާލަތު ހުރިގޮތާއި ގުޅޭގޮތުން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވިދާޅުވީ ފިއްލަދޫ ސަރަހައްދުގައި އާންމުކޮށް ދަތުރުކުރާ ދެ ބޯޓު ކަމަށްވާ ޑީއެމްއެމްއޭ އެކްސްޕްރެސް އާއި ސަވާރީ ބޯޓު ދަތުރުނުކުރާތާ ދެ ހަފްތާ ވުމާއެކު އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ހުސްވުމާއި ގާތަށް މިހާރު އައިސްފައިވާ ކަމަށެވެ.

ދެ ހަފްތާވެއްޖެ އެއްގޮތަކަށްވެސް އެ ދެ ބޯޓު ދަތުރު ނުކުރާތާ. ދެން އަނެއްކާވެސް އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އަނެއްކާ އިތުރު ދެ ހަފްތާއަށް ދަތުރު ނުކުރެވޭގޮތްވީ. އެހެންކަމުން ދެ ތިން ދުވަހެއްގެ ތެރޭގައި ތަކެއްޗަށްޖެހޭނެ. ވަރަށް ބޮޑަށް ލިމިޓްކޮށްގެން ހަނޑޫ ހަކުރު އަދި ފުށްވެސް މި ވިއްކަނީ."
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފިއްލަދޫން ގޭސް އަދި އެހެނިހެން ބާވަތްތައް ހުސްވާނެކަން ފާހަގަކޮށް ކައުންސިލްގެ ރައީސް ވިދާޅުވީ ރަށަށް ކާޑުގެ ބާވަތްތަކާއި އަދި އެހެނިހެން ތަކެތި ގެނެވުމުގެ މަޝްވަރާ މިވަގުތު ކުރިއަށްދާ ކަމަށެވެ.

ފިއްލަދޫ ސަރަހައްދުގައި ކާޑުގެ ބާވަތްތައް ގެންނަ އެސްޓީއޯގެ ފިހާރަތަކެއް ނެތް ކަމަށާއި އެޖެންޓުންނަށް ކާޑުގެ ބާވަތްތައް ވިއްކުމުގެ ހުއްދަދިނުމާއެކު އެސްޓިއޯއިން ކާޑުގެ ބާވަތްތައް ވިއްކާ އަދަދަށްވުރެ އެޖެންޓުން އަތުގައި ވިއްކަން ހުންނަ ކާޑުގެ ބާވަތްތައް ވަރަށް މަދު ކަމަށްވެސް މުހައްމަދު ފަލާހު ވިދާޅުވިއެވެ.

އެ ރަށަކަށް ބޭނުންވާ ވަރަކަށް އެ ރަށެއްގެ އެޖެންޓުގެ އަތުގައި ކާޑުގެ ބާވަތްތައް ހުރީ. ކާޑު ލިބޭ. އެހެންނަމަވެސް ކަނޑު ދަތުރުފަތުރު ކުރުމުގެ ދަތިކަމެއް ހުރީމަ ކުޅުދުއްފުށިން ނަމަވެސް އެކަންކަން ހައްލު ކުރުމުގެ މަސައްކަތް އެބަ ކުރަން. ނަމަވެސް މައުލޫމާތުލިބޭ ގޮތުގައި ކުޅުދުއްފުށީގައިވެސް މާގިނައިން ކާޑުގެ ބާވަތެއް ނެތް."
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު

ޑީއެމްއެމްއޭ އެކްސްޕްރެސް ބޯޓުގެ ތިން ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީއަކާއި ދިވެއްސެއް ކަމަށް ކަައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި ދެ ބިދޭސީން ތިބީ ބޯޓުގައި ކަމަށާއި ދިވެހި މީހާ ހުރީ ކަރަންޓީނުގައި ގޭގައި ކަމަަށް ވިދާޅުވިއެވެ. އެ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ލިސްޓުވެސް މިހާރު ވަނީ ނަގާފައި ކަމަށް ފަލާހު ވިދާޅުވިއެވެ.