ފެހި ގާނޫނު އަސާސީ ތަސްދީގުކުރަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މީގެ 12 އަހަރުކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަސްދީގުކޮށް އަމަލުކުރަމުން އަންނަ "ފެހި ޤާނޫނު އަސާސީ" ފާސްކުރީ ޖޫން 26، 2008 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އަދި ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔައީ އޯގަސްޓް 7، 2008 ވަނަ ދުވަހުއެވެ.

ފެހި ގާނޫނުއަސާސީ އަށް 12އަހަރު ފުރުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ތިރީސް އަހަރު ދުވަހުގެ ވެރިކަމެއް ކުރެއްވި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށްދެއްވި ވަގުތުކޮޅަކީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގާދިޔަ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށެވެ.

އަދި ވިދާޅުވެފައިވަނީ މި ގާނޫނު އަސާސީގެ ބޭނުން ދިވެހިން ހިފައި، ކުރިއަށް އޮތް ތަނުގައި ހުރިހާ ދާއިރާއަކުން ވެސް ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފެހި ގާނޫނު އަސާސީއަސް ބާރަ އަހަރު ވެފައިވާއިރު، ބައެއް ބޮޑެތި އިސްލާހުތައް ވަނީ ގެނެސްފައެވެ.