ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޤާނޫނު އަސާސީ އިސްލާހުކޮށް އެކުލަވާލެއްވުމުގައި ޤާސިމް އިބްރާހީމް، ކުރެއްވި މަސައްކަތްތަކަކީ ރަން އަކުރުން ފާހަގަ ކުރެވޭނެކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބުނެފިއެވެ.

ޤާނޫނު އަސާސީއަށް މިއަދު 12 އަހަރު ފުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރަށް މަރުހަބާ ދަންނަވައި އެ ޕާޓީގެ ކައުންސިލުން ނެރިފައިވާ ބަޔާނުގައި ވަނީ މިމުހިންމު ގައުމީ މަސައްކަތުގައި ވެވަޑައިގެންނެވި ގުރުބާނީއާއި އަދާކުރެއްވި މުހިންމު ދައުރު އެއީ މި ޤާނޫނުއަސާސީ ވުޖޫދުކުރުމަށް ކުރެވުނު މަސައްކަތުގައި ރަންއަކުރުން ފާހަގަކުރެވޭނެ އަދި އެމަނިކުފާނަށް އެކަމުގެ ޝަރަފާއި ޝުކުރު ޙައްޤު އިޚްލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ.

ޖުމްހޫރީ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި 3 އޮގަސްޓު 2008ގައި، ރަޖިސްޓަރީ ކުރެވުނީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމުގެ ސިޔާސީ އިސްލާހީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންކަމަށާއި އެމަނިކުފާނު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ، އެ މަނިކުފާނުގެ ރިޔާސަތުގައި ކުރެއްވި ބުރަމަސައްކަތުގައި އިސްލާހަށް މަސައްކަތް ކުރެއްވި ޢިއްޒަތްތެރި މެންބަރުންގެ އެއްބާރުލުމާއި އެހީތެރިކަމުގައި ފާސްކުރި ޒަމާނީ ޑިމަކްރަސީގެ ޤާނޫނުއަސާސީގެ މޭވާ ދިވެހިރައްޔިތުންނަށް ލިބުނު ދުވަސް ކަމަށްވާ 7 އޮގަސްޓު 2008ގައިކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ތާރީޚުގައިވެސް އެންމެ އުފާވެރި ދުވަހަކީ މިދުވަސްކަމަށްވެސް އެޕާޓީގެ ކައުސިލުން ވަނީ ބުނެފައެވެ.