• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 58 ދިވެހިން
  • ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ މީހުންގެ އަދަދު 129 އަށް

ރާއްޖެއިން އިތުރު 89 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 89 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 86 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، ބަނގްލަދޭޝްގެ 19 މީހުންނާއި، އިންޑިއާ 6 މީހުންނާއި، ސްރީލަންކާ 2 މީހުންނާއި، އިނގިރޭސިވިލާތުގެ 2 މީހުންނާއި، އެމެރިކާ މީހަކާއި، މިސްރު މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 83 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 6 މީހުން ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 4،769 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 29 މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

އެކްޓިވް ކޭސަސްގެ އަދަދު 1،998 އަށް އަރާފައިވާއިރު، މީގެތެރެއިން 129 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

އެކްޓިވް ކޭސަސްގެ ތެރޭގައި ރާއްޖޭގެ 7 ރިޒޯޓަކުން ޕޮޒިޓިވްވެފައިވާ 6 ފަތުރުވެރިންނާއި، 9 ސްޓާފުންވެސް ހިމެނެއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައި ތިބީ 1،470 މީހުންނެވެ.