ކޮވިޑް-19 ބަލިމަޑު ހާލަތާއި ގުޅިގެން ރާއްޖޭގައި ހިންގާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ސޮއިކުރައްވައި މިރޭ އާންމުކުރެއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، އެނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް އެމަނިކުފާނަށް ލަފާދެއްވާފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން އިތުރުވަމުން އަންނާންފެށުމުން، ގާނޫނު ނަންބަރު 2012/7، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިޢްލާން ކުރެއްވީ މިއަހަރުގެ މާޗްމަހުގެ 12 ވަނަ ދުވަހުއެވެ.

އޭގެފަހުން، 5 ފަހަރެއްގެމަތިން މުއްދަތު އިތުރުކޮށްފައި ވެއެވެ. އެންމެފަހުން އިޢްލާންކުރެއްވި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އޮސްޓް 7 އަށް ހަމަވާނެއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިރޭ ނެރުއްވި ގަރާރުގައި ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރައްވާފައިވަނީ، ކުރިއަށްއޮތް މަސްދުވަހުގެ މުއްދަތަށެވެ. އެއީ، އަންނަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ގާނޫނު ނަންބަރު 2012/7 އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެދަށުން، އަހުރެންނަށް ލިބިދޭ ބާރުގެދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިޢްލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 7 އޮގަސްޓު 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައި ވީހިނދު، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި މިބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗް 2020 ގައި އިޢްލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތް ކަމަށާއި، އަދި އެނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް އަހުރެންނަށް ލަފާދީފައި ވީހިނދު، ބުނެވިދިޔަ ގާނޫނުގެދަށުން، އަހުރެނަށް ލިބިދޭ ބާރުގެދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢްލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2020 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އިޢްލާންކޮށްފީމެވެ"
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރުގެ ގަރާރުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވެއެވެ.