ވޯލްޑް ޗެސް ފެޑެރޭޝަން (ފިޑޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އޮންލައިން ޗެސް އޮލިމްޕިއާޑް ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ޖުމްލަ 12 ކުޅުންތެރިންނެވެ. އެއީ 6 ކުޅުންތެރިންނާއެކު ރިޒާވް 6 ކުޅުންތެރިންނެވެ. ޓީމްގައި އޯޕަން 2 ކުޅުންތެރިން، އަންހެން 2 ކުޅުންތެރިން އަދި 20 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިއަކާއި އަންހެން ކުޅުންތެރިއަކު ހިމެނިފައެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަސް ޑިވިޝަނަށް ބަހާލައިގެންނެވެ. ހަތަރުވަނަ ޑިވިޝަންގައި ރާއްޖެ ކޮލިފައިވެފައި ވާއިރު، ރާއްޖޭގެ އިތުރުން މި ޑިވިޝަންގައި ޖުމްލަ 50 ޓީމް ވަނީ ހިމެނިފައެވެ. ޖުމްލަ 9 ރައުންޑް މި ޑިވިޝަންގައި ކުޅެފައިވާއިރު ރާއްޖެ ވަނީ ރޭންކުގެ 43 ވަނައިގައި ހިމެނިފައެވެ.

ވޯލްޑް ޗެސް ފެޑެރޭޝަނަކީ ދުނިޔޭޣެ ރާޒުވާގެ މައި އިދާރާއެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާޒުވާ ކުޅެމުން އަންނައިރު ފިޑޭއާއި ގުޅިގެން 190 ގައުމުން ދަނީ މި ކުޅިވަރު ކުރިއަރުވަމުންނެވެ.

އޮލިމްޕިއާޑް ކުޅުމާއިއެކު ދިވެހިރާއްޖެ މިހާރު ވަނީ ވޯލްޑް ރޭންކިންގ ލިސްޓުގައި 167 އިން 150 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިއީ 17 ދަރަޖައިގެ ބޮޑު ކުރިއެރުމެކެވެ.

މިއީ ދިވެހިރާއްޖެއަށާއި، ޗެސް އެސޯސިއޭޝަން އަދި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމާއި މި ކާމިޔާބީ އަކީ މުޅި ޗެސް ކޮމިއުނިޓީއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަން ޗެސް އެސޯސިއޭޝަންއިން ވަނީ ފާހަގަކޮށްފައެވެ.