ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީ ގުޅިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާތަކުގައި ސާފް ސަރަހައްދުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފައެވެ. ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނީ މި ސަރަހައްދުގެ މުބާރާތްތައް އިތުރުކުރުމުގެ ވާހަކަތައް ކަމަށާއި، މިއީ ވަރަށް އުންމީދީ ކުރިއެރުންތަކެއް ލިބޭނެ ބައްދަލުވުމެއް ކަމުގައި ދެކޭ ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދަކީ ފުޓުބޯޅައަށް އެހާ ފޯރި ހުންނަ ސަރަހައްދެއް ނޫންނަމަވެސް މި ސަރަހައްދަކީ ދުނިޔޭގެ ފުޓުބޯޅައަށް ވަރަށް މުހިއްމު ސަރަހައްދެކެވެ. އެއީ ދުނިޔޭގެ ބޮޑެތި ލީގުތަކަށް އޮންނަ ފޯރިއާއި ދުނިޔޭގެ ބޮޑު އާބާދީއެއް އޮތް އިންޑިއާއިން ވެއްދުމެވެ. މިއީ ފީފާއާއި އޭއެފްސީން އަބަދުވެސް ބޭނުންވާ ކަމެކެވެ.

މި ބައްދަލުވުމާއެކު ކުރިޔަށްއޮތްތަނުގައި މި ސަރަހައްދުގެ އިތުރު ފުޓުބޯޅަ ހަރަކާތްތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕުގެ އިތުރަށް މި ސަރަހައްދުގެ ކުލަބުތަކުގެ މެޗުގައި މުބާރާތްތައް ބޭއްވުމަކީ ކައިރި ކަމެކެވެ.