• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 93 ދިވެހިން
  • ހޮސްޕިޓަލުގައި އެޑްމިޓްކުރި އަދަދު 144 އަށް
  • އެކްޓިވް ކޭސަސްގެ އަދަދު 2،088 އަށް

ރާއްޖެއިން އިތުރު 129 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 129 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދެދުވަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން ތިރިީގައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ 100 އިން މައްޗަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި، ބަނގްލަދޭޝްގެ 26 މީހުންނާއި، އިންޑިއާ 9 މީހުންނާއި، ނޭޕާލް މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 128 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް މީހާ ނިސްބަތްވަނީ އަތޮޅުތެރޭ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 4،898 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 37 މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

އެކްޓިވް ކޭސަސްގެ އަދަދު 2،088 އަށް އަރާފައިވާއިރު، މީގެތެރެއިން 144 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައި ތިބީ 1،481 މީހުންނެވެ.