ތަފާތު އެކި ޚިޔާލުތަކުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކާމެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ އަބަދު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ނޫން ކަމަށެވެ.

އެކި ޚިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާ ދެއްވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށްބުނެ، ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުންގެންދަވާ ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ޑޮކްޓަރުންގެ ފަރާތުން ސިއްހީ ދާއިރާގެ މައްސަލަތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން، ޑރ. ހަފީޒާ އަލީ ވިދާޅުވީ 45 ވަރަކަށް އަހަރު ދުވަސް ވަންދެން ސިއްހީ ދާއިރާގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ރާއްޖޭގެ އިނދަޖެހިފައިވާ ސިއްހީ ނިޒާމު ކޮޅަށް ޖެހުމަށް އަމިއްލަ އިސް ނެންގެވުމުގެމަތިން މަސައްކަތް ފެއްޓެވީ އެހެންވެގެން ކަމަށެވެ.

ރާއްޖޭގެ މުޅި ސިއްހީ ނިޒާމުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ ޑރ ހަފީޒާ ވިދާޅުވީ އެކަންކަމާ ނުލައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ނުދެވޭ، މުހިންމު މަގާމުތަކެއް އަދިވެސް އޮތީ ހުސްކޮށްކަމަށެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސްގެ މަގާމު އޮތީ ހުސްކޮށް ކަމަށާއި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއީ ވަރަށް މުހިންމު މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަގާމުގައި މީގެ ކުރިިން މީހަކު ހުރިނަމަވެސް މިސަރުކާރު އައި ފަހުން އެ މަގާމު ހުސްކޮށް އޮތުމުގެ އިތުރުން އެ ފަންކްޝަންވެސް ނެތް ކަމަށާއި އެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިވެސް ނެތް ކަމަށެވެ.

އިޖްތިމާއީ މި ބައްދަލުވުމަށްފަހު މަޖިލީހުން ވަނީ ކޮވިޑް-19 ގެ މިހާލަތުގައި، މިނިސްޓްރީ އޮފް ހެލްތުން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ސިއްހީ ދާއިރާގެ ކަމާއި ގުޅުންހުރި ފަރާތްތަކާއި އާންމުންނަށް ހިޔާލު ހުށަހެޅުމަށް މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.