ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ސިއްހީ ދާއިރާއާގުޅޭ ގޮތުން ދެއްވާފައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިމިވަނީ 8 އޮގަސްޓް 2020ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއި ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން އެ ކޮމިޓީއަށް މައުލޫމާތު ދެއްވި ބައެއް ބޭފުޅުން ދެއްވާފައިވާ މައުލޫމާތުތަކާގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް މަޢުލޫމާތު ދެއްވުމުގެ ކުރިން އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން އެއްވެސް ވަރަކަށް މިނިސްޓްރީއާއި މަޝްވަރާކޮށްފައިނުވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ސިއްހީ ދާއިރާއާގުޅޭ ގޮތުން ދެއްވާފައިވާ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަަށެވެ. އަދި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ހިޔާލާއި ލަފައަށް މިނިސްޓްރީއިން އަބަދުވެސް ތަރުހީބުދޭ ކަމަށާއި ސިއްހީ ދާއިރާގެ މަސައްކަތްތަކަކީ ވަރަށް ފަންނީ ޚިދުމަތްތަކަކަށްވީ ހިނދު، މިދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ މިދާއިރާގެ ޚާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ސިއްހީ ދާއިރާގެ ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށާއި މިމަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިއްބަވައިގެން އެބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއި އެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމްތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއްނެތި މަސައްކަތްތައް ދަނީ ކުރެވެމުން."
ހެލްތު މިނިސްޓްރީގެ ބަޔާން

މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއަށް އައްޔަނުކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާރވިސް މުއައްޒަފުންނާއި އެކުގައި ކަމަށާއި އަދި މިނިސްޓްރީގެ ޑިވިޝަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށް ބަޔާނުގައިވެއެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މެދު ނުކެނޑި ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގނޫނާއި ގަވާއިދާއެއްގޮތަށް ބިޑިންގ ޕޮރޮސެސް ތެރެއިން ކަމަށާއި ދިވެހިރާއްޖޭގައި ސިއްހީ ޚިދުމަތްދިނުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލަނީ ބައިނަލްއަގްވާމީ މިންގަޑުތަކަށް ބިނާކޮށް އާ ހޯދުންތަކާ ދިރާސާތަކާ އެއްގޮތަށް އަދާހަމަކޮށްގެން ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް19 ގެ ވަބާއަށް އިޖާބަދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ބިނާވެފައިވަނީ ހެއްކާއި، ފަންނީ ލަފާއާއި އެކިއެކި ގައުމުތަކުގެ ތަޖުރިބާތަކަށް އަދި ދިވެހިރާއްޖޭގެ ހާލަތްތަކަށް ރިއާޔަތްކޮށްގެން. ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާ ކާރުންގެ ލަފާގެ މަތިން."
ހެލްތު މިނިސްޓްރީގެ ބަޔާން

މަސައްކަތްތައް ކުރިއަށް ގެންދަނީ އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާތަކާއި ދަރުމައަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން ކުރެވޭ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އެގިވަޑައިގަންނަވާނޭ ފަދައިން މިމަސައްކަތުގައި ބައިވެރިވެ ދެއްވުމަށް އެދި މިސްޓރީއިންނާއި ދައުލަތުން އިލްތިމާސް ކުރުމުން ބައިވެރިވާން ބޭނުންވި ފަރާތްތަކަށް ފުރުސަތު ވަނީ ދެވިފައި ކަމަށް ބަޔާނުގައިވެއެވެ.

އަދި މިހާރުވެސް އެފަރާތްތަކުގެ އެހީތެރިކަން ދަނީ ލިބެމުން ކަމަށާއި ސިއްހީ ޚިދުމަތްތަކަކީ ކަނޑައެޅިފައިވާ މިންގަޑުތަކާއި އުސޫލުތަކަށް ބިނާކޮށް ދެވޭ ޚިދުމަތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ކޮވިޑް19އާ ގުޅިގެން އެކުލަވާލާ އަދި އާއްމުކުރެވޭ ހުރިހާ ގައިޑްލައިންތަކަކީވެސް މިއަސާސްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް އަދާހަމަކުރެވޭ ގައިޑްލައިންތަކެއްކަން ފާހަގަކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް19ގެ ހާލަތަކީ އަވަސް އަވަހަށް ބަދަލުވަމުން އަންނަ ހާލަތެއްކަމުން އެކި ކަންކަމާގުޅޭ ގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިންތައް ވަގުތުން ވަގުތަށް ބަދަލުކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރަށް ކޮވިޑް19 އާގުޅިގެން އަޅާފައިވާ އެކިއެކި ފިޔަވަޅުތަކަކީވެސް އެކަށީގެންވާ ހެކިތަކާ އެކި ޤައުމުތަކުގެ ތަޖުރިބާއަށް ބަލާ ރާއްޖޭގައި ބަލި ފެތުރޭ އަދި އިޖާބަދެވޭ މިންގަޑުތައް ގާތުން މޮނިޓަރކުރަމުން އަޅާ ފިޔަވަޅުތަކެއް ކަމަށާއި އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ކުރިއަށްވުރެބޮޑަށް ފުޅާކުރެވި ވަސީލަތްތައްދަނީ ގާއިމުކުރެވެމުން ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އެގޮތުން އަތޮޅު ހޮސްޕިޓަލުތަކުން ތަފާތު ސްޕެޝަލިޓީގެ ޚިދުމަތްތައް ތައާރަފުކުރެވި މާލެއަށް ރިފަކުރުން ކުރިއަށްވުރެބޮޑަށް ވަނީ މަދުކުރެވިފައި ކަމަށާއި ސިއްހީ ދާއިރާ ތަރައްގީކުރަމުން ގެންދަނީ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުން ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައީސުލްޖުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމާއި، ކުރިން ނުދެވޭ ސްޕެޝަލިޓީ ޚިދުމަތްތައް ހޮސްޕިޓަލްތަކުގައިވަނީ ފެށިފަ. ލާމަރުކަޒީ ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދޭ."
ހެލްތު މިނިސްޓްރީގެ ބަޔާން

އަތޮޅުތެރޭގައި ކޮވިޑް19ގެ ވަބާއަށް އިޖާބަދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ކޮވިޑް19 އަށް ޓެސްޓްކުރެވޭ ލެބޯރަޓަރީގެ ޚިދުމަތްތަކާއި އައިސޮލޭޝަން އަދި އައިސީޔޫގެ ޚިދުމަތް ސަ ަަރަހައްދުތަކުގައިވަނީ ގާއިމްކޮށް، ޚިދުމަތްދޭނެ މީހުންވަނީ ތަމްރީނުކޮށްފައި ކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.