• ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 107 ދިވެހިންނާއެކު އަލަށް ޕޮޒިޓިވްވީ 143 މީހުން،
  • ހޮސްޕިޓަލުގައި 140 މީހުން
  • ޕޮޒިޓިވް ކޭސްތައް ފެނުނު ރަށްތަކުގެ އަދަދު 13 އަށް، ރިސޯޓްގެ އަދަދު 8 އަށް
  • މޮނިޓަރިންގއަށް އެންމެފަހުން ގެނައީ އައްޑޫސިޓީ ހިތަދޫ

ރާއްޖެއިން އިތުރު 143 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 143 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ، ދެދުވަސް ވަންދެން ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން ތިރިީގައި އޮތުމަށްފަހު 100 އިން މައްޗަށް އެރި ދެވަނަ ދުވަހެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި، ބަނގްލަދޭޝްގެ 28 މީހުންނާއި، އިންޑިއާ 6 މީހުންނާއި، ނޭޕާލް 2 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 3 މީހުން ނިސްބަތްވަނީ އަތޮޅުތެރޭ ރަށްރަށަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 5،041 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 13 މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

އެކްޓިވް ކޭސަސްގެ އަދަދު 2،218 އަށް އަރާފައިވާއިރު، މީގެތެރެއިން 140 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ ތެރޭގައި ރާއްޖޭގެ 8 ރިސޯޓަކުން ޕޮޒިޓިވްވެފައިވާ 6 ފަތުރުވެރިންނާއި، 9 ސްޓާފުން ހިމެނެއެވެ.

މީގެއިތުރުން، ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރާއްޖޭގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ. ކެލާ، ހއ. އިހަވަންދޫ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ބ. ކުޑަރިކިލު، ބ. ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީއެވެ.

އަތޮޅުތެރެއިން އެންމެފަހުން ޕޮޒިޓިވް ކޭސްތައް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އައްޑޫ ސިޓީގެ ހިތަދޫއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައި ތިބީ 1.478 މީހުންނެވެ.