އައްޑޫ ސިޓީން ތިންވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ބުނެފައިވަނީ، ހިތަދޫއިން އަލަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި އެމީހާއަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މީހެކެވެ.

އެމީހާ ޕޮޒިޓިވްކަމަށް ދައްކާފައިވަނީ، ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑްއަށް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެމީހާގެ ޓެސްޓު ހަދާފައިވަނީ މިއަދު ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ، އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 ވަނަ މީހާއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު މިއަދު ހެނދުނު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ރޭގައިވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ ސިޓީ ހިތަދޫއިން ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން ހިތަދޫ މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑް-19 ބަލި ރާއްޖޭގައި ފެތުރޭން ފެށުމާ ގުޅިގެން އައްޑޫ ސިޓީގައިވެސް ރައްކާތެރި ގިނަ ފިޔަވަޅުތައް އަޅާފައި ވެއެވެ.