ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް މިމަހުގެ 20 ވަނަ ދުވަހު ބެންކޮކަށް ބާއްވަން ނިންމައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ބާއްވަން ނިންމައި، މޯލްޑިވިއަންއިން ވަނީ މި ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ފަށާފައެވެ.

މޯލްޑިވިއަންއިން ބުނީ މިވަގުތު ބެންކޮކުގައި ތިބި މީހުންނަށް އަނބުރާ ރާއްޖެ އައުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ބުނި މިދަތުރުގެ ޓިކެޓް ވިއްކުން މިމަހުގެ 15 އާއި ހަމައަށް ހުޅުވާލާފައިވާނެ ކަމަށެވެ.

އެހެންކަމުން ބެންކޮކަށް ދިއުމަށާއި، ބެންކޮކުން ރާއްޖެ އަންނަން ބޭނުންވާމީހުން [email protected] އަށް އީމެއިލް ކޮށް، ނުވަތަ 3335544 ނަންބަރަށް ގުޅައިގެން ޓިކެޓް ނެގޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތައިލެންޑުގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް ތައިލެންޑުގެ ވިސާއާއެކު އެގައުމަށް އެތެރެވެވެއެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަނބުރާ ގައުމަށް ނުދެވި ތާށިވެފައިތިބި މީހުންނަށް އަނބުރާ ގައުމަށް ދިއުމަށާއި، ތައިލެންޑުގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ގައުމަށް އައުމަށް ލިބިގެންދާނެ ފުރުސަތެކެވެ.