ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ތިއްބެވި 5 ބޭފުޅަކު ޖޮއިންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ޖޮއިންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެވުނު ބޭފުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ، އުސޫލުތަކާ އެއްގޮތަށް މަގާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުން ކަމަށެވެ.

ހުރިހާ ބޭފުޅުންވެސް ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައި ކަމަށާއި ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު 5 ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި ބައެއް ބޭފުޅުން 20 އަހަރަށްވުރެ ގިނަދުވަހު މިނިސްޓްރީގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެ ބޭފުޅުންގެ ނަންތަކެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި މިއަދު ހަމަޖެހުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނެއެވެ. މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެން ބޭފުޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާރު އަންހެން ބޭފުޅުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މަގާމުގެ ކުރިއެރުން ދީ، ޖޮއިންޓް ސެކްރެޓަރީކަމަށް އެބޭފުޅުން އައްޔަންކުރެއްވުމުން ކުރިން އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވި ޑިރެކްޓަރ ޖެނެރަލްގެ މަގާމުތައް ވަނީ އުވާލެވިފައި ކަމަށާއި ފޮރިން މިނިސްޓްރީގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތުން ޑިރެކްޓަރ ޖެނެރަލްއަށްވުރެ މަތީ ރޭންކެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޖޮއިންޓް ސެކްރެޓަރީ ރޭންކްކަމަށް މިނިސްޓްރީން ބުނެއެވެ.

ޖޮއިންޓް ސެކްރެޓަރީގެ މަގާމަކީ ސިވިލް ސަރވިސްގެ އުސޫލުތަކުގެ ތެރެއިން ލިބޭ އެލަވަންސްތައް (އިތުރު ގަޑީގެ ފައިސާ، ސެޓްފިކެޓް އެލަވަންސް ފަދަ އެހެނިހެން އެލަވަންސްތައް) ލިބޭ މަގާމަކަށްނުވާތީ، ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ތިއްބަވާއިރު، އެބޭފުޅުންނަށް ކޮންމެ މަހެއް ނިމިގެން ގެއަށް ގެންދަން ލިބިވަޑައިގެންނެވި މުސާރައަށްވުރެ މިހާރު ލިބިވަޑައިގަންނަވާ އަދަދު މަދުވާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.