އަލިފާން ރޯވެ ފެތިގެން އަޑިއަށްދިޔަ ވިންދު ދޯނީގެ ބައެއް މުދާ އޮޔާދާތީވެ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ލ.ގަމުގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުން 10 މީހުނާއެކު ދަތުރުކުރި "ވިންދު" ނަމަކަށްކިޔާ މުދާ އުފުލާ މިދޯނި ފެތިފައިވާއިރު ދެފެންދޭތެރޭ އޮޔާދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑިފަދަ ތަކެތި ހިމެނޭ ކަމަށާއި އެގޮތުން ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

10 މީހުންނާއެކު ދަތުރުކުރި މިދޯނިން ގެއްލުނު ބިދޭސީމީހާ ހޯދުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން އެސަރަޙައްދުގެ 48 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު މިއަދު 17:14 ހާއިރު ފެނިފައިވާ ކަމަށްވެސް ސިފައިން މައުލޫމާތު ދެއެވެ.

އެމީހާގެ ހަށިގަނޑު މިހާރުވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށްވެސް ސިފައިން ބުނެއެވެ.