ރައީސް އިބްރާހިމް މުހަންމަދު ސާލިހް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ސާޅިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ފޯނުން ގުޅުއްވައި، ކޮވިޑް-19 ގެ ބަލިމަޑު ހާލަތާ ގުޅިގެން ދެގައުމުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރެއްވުނު ކަމަށެވެ.

އަދި ހަމަ އެއާއެކު، ދެގައުމުގެ ދެމެދުގައި މިހާރުވެސް އޮތް އެކުވެރި އަޚުވަންތަގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ޕާކިސްތާނުގެ ބޮޑުވަޒީރާއެކު މަޝްވަރާ ކުރެވުނު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ފޯނުކޯލުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއެކު އިތުރުކަމެއްގެ މަޝްވަރާއެއް ކުރެވުނު ކަމެއް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާޅިހް، ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި ވާހަކަފުޅު މިދެއްކެވީ، ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންގެ ހައްގުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އިސްލާމީ ގައުމުތަކުންނާއި، އިސްލާމީ ގައުމުތައް ހިމެނޭ ޖަމްޢިއްޔާ، އޯއައިސީން ތާއީދުނުދޭތީ އެކަމަށް ޕާކިސްތާނުގެ އެތެރޭގައި ހިތްހަމަނުޖެހުންތައް ފާޅުކޮށް އެކަމުގެ ބަހުސްތައް ކުރެވެމުންދާ ވަގުތެއްގައެވެ.

ޚުދު ބޮޑުވަޒީރު އިމްރާން ޚާންވެސް އެކި ފަހަރުމަތިން ވަނީ، ކަޝްމީރުގެ މައްސަލާގައި އިސްލާމީ ގައުމުތަކުން ކަންތައް ކުރާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، އދގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސް ވޮލްކަން ބޮޒްކީރްއާ އިސްލާމްއާބާދުގައި މިއަދު ބައްދަލު ކުރައްވަނީ:

ކަޝްމީރުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފްތާގެ ބުދަދުވަހުވެސް ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، މިއީ ޕާކިސްތާނުން އެދިގެން ކަޝްމީރު މައްސަލާގައި ބަހުސްކުރުމަށް މިއަހަރު ތެރޭ ބޭއްވި ސަލާމަތީ މަޖިލީހުގެ ތިންވަނަ ބައްދަލުވުމެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދުވަނީ، ކަޝްމީރުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކުގައި ކަޝްމީރުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިނުމުގައި އދއިން އެ ޖަމާއަތުގެ ދައުރު އަދާކޮށްދިނުމަށް ގޮވާލައްވާފައެވެ.

އިމްރާން ޚާން މިކަމަށް ގޮވާލެއްވީ، ޕާކިސްތަނަށް މިހާރު ވަޑައިގެން އުޅުއްވާ އދގެ އާންމު މަޖިލީހުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ ރައީސް ވޮލްކަން ބޮޒްކީރްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަނެއްކޮޅުން، ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލައި، ބިންތައް ސަރަހައްދުތަކަކަސް ބަހާލި މައްސަލާގައި، އިންޑިއާއަށް ފިއްތުންތައް ކުރިމަތިކޮށް، އެ ސްޓޭޓް އަލުން ގާއިމްކުރުމަށް އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕް މެދުވެރިގެން ބައިނަލްއަގްވާމީ މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންނެވެ.